ސިޔާސީ

އިންޑިއާގެ ފޮރިން މިނިސްޓަރ އާދީއްތަ ދުވަހު ރާއްޖެ ވަޑައިގަންނަވަނީ


އިންޑިއާގެ ފޮރިން މިނިސްޓަރ ސުޝްމާ ސުވަރާޖު އަންނަ އާދީއްތަ ދުވަހު ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ޕީއެސްއެމްއަށް އެނގިފައިވާގޮތުގައި އެކަމަނާގެ މި ދަތުރުފުޅަކީ ރާއްޖޭގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. އެހެންނަމަވެސް އިންޑިއާގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅައި ގުޅޭ ގޮތުން ރާއްޖޭގެ ފޮރިން މިނިސްޓްރީން އަދި ވަކި އެއްޗެއް ހާމައެއްނުކުރައްވައެވެ.

އިންޑިއާގެ ފޮރިން މިނިސްޓަރ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ އެކަމަނާ މަޤާމާ ހަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އެކަމަނާއަށް އެެތައް ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގަތުމަށް ދަޢުވަތު އެރުވިއެވެ. ނަމަވެސް އޭރު ރާއްޖެއާއި އިންޑިއާގެ ގުޅުން ހީނަރުވެފައި ވުމުގެ ސަބަބުން ރައީސް ޔާމީންގެ ވެރިކަން ނިމިގެން ދިޔައިރުވެސް އެކަމަނާ ރާއްޖެ ވަޑައިގެންފައެއްނުވެއެވެ.

ނަމަވެސް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރާއި އިންޑިއާއި ގުޅުން ވަރަށް ބޮޑަށް ބަދަހިވެފައިވާ މި ދަނޑިވަޅުގައި އިންޑިއާއިން ވަނީ ރާއްޖެއަށް ގިނަ ކަންކަމުގައި ލުއި ފަސޭހަ ގޮތްތަކެއް ތަނަވަސްކޮށްދެއްވާފައެވެ. އެގޮތުން ވިސާގެ ބޮޑެތި ލުއިފަސޭހަތަކެއް ދިވެހިންނަށް ހަމަޖައްސައި ދީފައިވާއިރު، އިންޑިއާއިން ރާއްޖެއަށް އެތެރެކުރާ ހިލައާއި ހިލަވެލި އަދި އަސާސީ ކާބޯތަކެތީގެ ތިން އަހަރު ދުވަހުގެ ޚާއްޞަ އެއްބަސްވުމެއްގައި އަންނަ ހަފްތާގެ ތެރޭގައި ސޮއިކުރައްވާނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވަނީ ވިދާޅުވެފައެވެ.

ބެލެވޭގޮތުގައި އިންޑިއާގެ ފޮރިން މިނިސްޓަރުގެ މި ދަތުރުފުޅުގައި އެ އެއްބަސްވުންތަކުގައި ސޮއިކުރައްވާނެއެވެ.