ޚަބަރު

ފީފާ އަދި އޭއެފްސީގެ މަންދޫބުން ފުޓުބޯޅަ ކްލަބްތަކާ ބައްދަލުކުރަނީ


ރާއްޖޭގެ ފުޓްބޯޅާއިގެ ހާލަތު ބެލުމަށް ރާއްޖެއައި ފީފާ އަދި އޭއެފްސީގެ މަންދޫބުން ރާއްޖޭގެ ކްލަބްތަކާއި ބައްދަލުކުރަން ފަށައިފިއެވެ.

މި ޓީމު ރާއްޖެ އައިސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މި ދަތުރުގައި ފީފާ އަދި އޭއެފްސީގެ ޓީމުން އެފްއޭއެމުގެ ހާލަތުވެސް ބަލާ ދިރާސާކުރާނެއެވެ.
އަދި ވިކްޓްރީ ސްޕޯޓްސް ކުލަބުން ރާއްޖޭގެ ގިނަ ކުލަބްތަކާއިއެކު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ހުށައަޅާފައިވާތީ އެކަންތައްތައްވެސް މި ދަތުރުގައި ބަލާ މޮނީޓަރކުރާނެއެވެ. އަދި އެފްއޭއެމްގެ މެނޭޖްމަންޓްގެ ފަހަތުގައި ތިބި ކުލަބްތަކާއިވެސް ބައްދަލުވުންތައް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

ރާއްޖޭގެ 15 ކުލަބެއްގެ ތާއީދާއިއެކު ވިކްޓްރީ ސްޕޯޓްސް ކުލަބުން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އެދުމުން އެފްއޭއެމުން ފީފާގެ މަޝްވަރާއަށް ފަހު ބުނީ މިމަހުގެ 25ވަނަ ދުވަހު އަހަރީ ކޮންގްރެސްއެއް އޮތުމުން، އިތުރު ކޮންގްރެސްއެއް ބޭއްވުމުގެ ބޭނުމެއް ނެތްކަމަށާއި އެކޮންގްރެސްގައި ކުލަބްތަކުން ބޭނުންވާ ހިޔާލު ފާޅު ކުރެވިދާނެކަމަށެވެ.

ނަމަވެސް އަންނަ ހުކުރު ދުވަހު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވާނެ ކަމަށް ވިކްޓްރީ ސްޕޯޓްސް ކްލަބުން ވަނީ ބުނެފައެވެ. އަދި މި ކޮންގްރެސްގައި ފީފާ އަދި އޭއެފްސީގެ ޓީމުވެސް ބައިވެރިވާނެކަމަށް ވިކްޓްރީން މައުލޫމާތުދެއެވެ.