އިންތިޚާބު އިޢުލާންކުރުމަށްފަހު އިންތިޚާބާގުޅުންހުރި ޤާނޫނުތަކަށް އިޞްލާޙު ގެނެސްފިނަމަ ގިނަ ދަތިތަކާ ކުރިމަތިލާންޖެހޭނެކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންތިޚާބު އިޢުލާންކުރުމަށްފަހު، އިންތިޚާބާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދިތަކަށް ބަދަލު ގެނައުން ހުއްޓަންޖެހޭކަމަށެވެ. އަކްރަމް ވަނީ އިންތިޚާބު ކައިރިވެފައިވަނިކޮށް މަޖިލީހަށް ހުށައެޅި އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް ހުށައެޅި އިޞްލާހު ފާސްކޮށްފިނަމަ އިންތިޚާބު ޚަރާބުވެދާނެކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މިދިޔަ ހޯމަދުވަހު އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނަށް މަޖިލީހުން ގެނައި އިޞްލާޙުގައިވަނީ ވޯޓު ކަރުދާހުގައި ރަނގަޅު ފާހަގަފިޔަވާ އިތުރު ކުރެހުމެއް ކުރަހައިފިނަމަ ވޯޓު ބާޠިލުވާނެކަމަށް ބުނެފައެވެ. އިދިކޮޅު ޕީޕީއެމްގެ މެންބަރު ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ހުށައެޅުއްވި އިޞްލާޙު މަޖިލީހުން ފާސްކޮށްފައިވާއިރު ރައީސުލްޖުމްހޫރިއްޔާ އަދި އެއިޞްލާޙު ތަސްދީޤް ނުކުރައްވައެވެ. ތަސްދީޤްކުރައްވައިފިނަމަ އެއަށް ޢަމަލުކުރަންޖެހޭނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވަނީ އެ އިޞްލާޙަކީ ރަނގަޅު މުހިންމު އިޞްލާހެއްކަން ފާހަގަކުރައްވާފައެވެ. ނަމަވެސް އިންތިޚާބު ބޭއްވުމަށް އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނަ ދަނޑިވަޅެއްގައި އެ އިޞްލާހަށް އަމަލުކުރަންޖެހިއްޖެނަމަ ދަތިވާނެކަން އީސީން ފާހަގަކުރައްވައެވެ.
ވޯޓް ކަރުދާހުގައި ކުރަހައިފިނަމަ ވޯޓް ބާޠިލްވާނެގޮތަށް އިލެކްޝަންސް ކޮމިޝަނުންވެސް މީގެކުރިން ދެފަހަރަކު އިޞްލާޙު ހުށައެޅިއެވެ. ނަމަވެސް އެއްވެސް ފަހަރަކު މަޖިލީހުން ފާސްކޮށްފައެއްނުވެއެވެ.