ޚަބަރު

ފީފާ އަދި އޭއެފްސީއިން ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ބަލަން އަންނަނީ


ފީފާ އަދި އޭއެފްސީގެ ޓީމްއެއް ރާއްޖޭގެ ފުޓްބޯޅައިގެ ހާލަތު ދެނެގަތުމަށް ރާއްޖެއަށް އައުމަށް ހަމަޖެހިއްޖެއެވެ.

ކުރިން މިޓީމް އައުމަށް ހަމަޖެހިފައިވަނީ މިހަފްތާގައެވެ. ނަމަވެސް ފީފާއިން އެފްއޭއެމައަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވާ ގޮތުން ފިފާ އަދި އޭއެފްސީ ޓީމް މިހާރު މާލެ އައުމަށް ހަމަޖެހިފައިވަނީ މިއަންނަ އަންގާރަ ދުވަހުއެވެ.
މިޓީމް ރާއްޖެ އަންނަނީ އެފްއޭއެމްގެ ހާލަތު ބެލުމުގެ އިތުރުން ވިކްޓްރީ ސްޕޯޓްސް ކުލަބްއިން ރާއްޖޭގެ ގިނަ ކުލަބްތަކާއިއެކު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ހުށައަޅާފައިވާތީ އެކަންތަށްތަށް ބެލުމުގެ ގޮތުންނެވެ.

މިޓީމް މިއަންނަ އަންގާރަ ދުވަހު ރާއްޖެއައުމަށްފަހު އެފްއޭއެމްގެ މެނޭޖްމަންޓްއާއި ވިކްޓްރީއާއެކު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ބައިވެރިވާ ކުލަބްތަކާއި އެކުވެސް ބައްދަލުވުންތަށް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އަދި އެފްއޭއެމް މިހާރު މެނޭޖްމަންޓްގެ ފަހަތުގައި ތިބި ކުލަބްތަކާއިވެސް ބައްދަލުވުންތަށް ބޭއްވުމަށް ހަމަޖެހިފައިވެއެވެ.

ރާއްޖޭގެ 15 ކުލަބްއެއްގެ ސޮއިއާއެކު ވިކްޓްރީ ސްޕޯޓްސް ކުލަބްއިން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އެދުމުން އެފްއޭއެމްއިން ފީފާގެ މަޝްވަރާއަށް ފަހު ބުނީ މިމަހުގެ 25ވަނަ ދުވަހު ކޮންގްރެސްއެއް އޮތުމުން، އިތުރު ކޮންގްރެސްއެއް ބޭއްވުމުގެ ބޭނުމެއް ނެތްކަމަށާއި އެކޮންގްރެސްގައި ކުލަބްތަކުން ބޭނުންވާ ހިޔާލު ފާޅު ކުރެވިދާނެކަމަށެވެ.