ކައުންސިލްތަކަށް ވަކިނިސްބަތަކުން އަންހެނުން އިންތިޚާބުކުރެވޭ ގޮތަށް، ލާމަރުކަޒީ ގާނޫނު އިސްލާހްކުރުމަށް ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ބައިނަލްއަޤުވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި މާލެއަތޮޅު މާފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، އަންހެނުން ބާރުވެރި ކުރުވައި، ހަމަހަމަ ފުރުޞަތު ހޯދައިދިނުމަކީ، ހަމައެކަނި ޤާނޫނު އިޞްލާޙްކޮށްގެން ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ޤާނޫނުތަކުން އެކަމަށް މަގު ފަހިކުރުމާއެކު، އެކަމަށް ދެމެހެއްޓެނިވި ސިޔާސަތެއް އޮންނަންޖެހޭނެކަމަށާއި، އެކަން ކުރުމުގެ ވަރުގަދަ ޢަޒުމެއް ވެސް އޮންނަން ޖެހޭކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި ސިޔާސީ މައިދާނުގައި އަންހެނުންގެ ދައުރު އިތުރުކޮށް އަންހެނުން ބާރުވެރިކުރުމަކީ އެމަނިކުފާނަށް ވަރަށް މުހިންމުކަމެއްގެ ގޮތުގައި ސިފަކުރެއްވިއެވެ. އެހެންކަމުން، ކައުންސިލްތަކަށް ވަކި ނިސްބަތަކުން އަންހެނުން އިންތިޚާބުކުރެވޭ ގޮތަށް، ލާމަރުކަޒީ ޤާނޫނު އިސްލާހްކުރުމުގެ ބިލް، ވަރަށް އަވަހަށް މަޖިލީހަށް ފޮނުވުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް މިހެން ވިދާޅުވެފައިވާއިރު، ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ގިނަ އިޞްލާޙުތަކެއް ގެންނަވާނެކަމަށްވެސް ރައީސް އަންނަނީ ތަކުރާރުކުރައްވަމުންނެެވެ.
"މިއީ ސިޔާސީ ގޮތުން ކަންކަން ނިންމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށްޓަކައި ކުރިއަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅަކަށް ވާނެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، މިހާރު ޤައުމު އޮތް ޙާލަތުން އެއަށް ވުރެ މަތީ މަރުޙަލާއަކަށް ގެންދެވޭނީ، އަންހެނުން ބާރުވެރިކޮށްގެން. އެކަމަށްޓަކައި މި ހޯދައިދޭ ފުރުޞަތުތަކުގެ ބޭނުން، ހުރިހާ އަންހެނުން ވެސް ހިފުމަށް އަޅުގަނޑު ގޮވައިލަން." ރައީސް ޞާލިޙް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ރާއްޖޭގެ ސިވިލް ސާވިސްގެ ތިން ބައިކުޅަ ދެބަޔާ ގާތްކުރާ ޢަދަދަކީ ނުވަތަ %61އަކީ އަންހެނުންކަން ފާހަގަކުރެއްވިއެވެ. އެއީ ސިވިލްސާރވިސްގައި މަސައްކަތްކުރާ 24516 މީހުންގެ ތެރެއިން 13705 އަންހެނުންނެވެ. ސިވިލް ސާރވިސްގެ ފިރިހެނުންގެ ނިސްބަތަކީ އެންމެ %39އެވެ.
"އެކަމަކު ސިވިލް ސާވިސްގެ އެންމެ މަތީ ފަންތީގައި، ޙަޤީޤަތް އޮތީ މިއާ ދިމާއިދިކޮޅަށް. ސިވިލް ސާވިސްގެ އެގްޒެކެޓިވް ލެވެލްގެ %61 ވަޒީފާގައި ތިބީ މުޅިންވެސް ފިރިހެނުން. މި ފަންތީގައި އަންހެނުންގެ ނިސްބަތަކީ އެންމެ %39. މިއީ އެއްވެސް ހަމައަކުން ބަލާއިރު، މިކަން ވާންޖެހޭނެ ގޮތެއް ކަމަކަށް އަޅުގަނޑު ނުދެކެން. މިއީ އަންހެނުން ބާރުވެރިކުރުމުގެ ވާހަކަ ދައްކާއިރު، ބަދަލުކުރަންޖެހިފައިވާ ސަގާފަތެއް. އަޅުގަނޑުމެން ބޭނުންވަނީ ހުރިހާ ދާއިރާއެއްގައިވެސް، މަތީ މަޤާމުތަކުގައި، އަންހެނުންގެ ޙިއްޞާ މިހާރަށްވުރެ، ވަރަށްބޮޑަށް އިތުރުކުރަން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ އެއަމާޒަށް." ރައީސް ވިދާޅުވިއެވެ.
މިސަރުކާރުގެ ކެބިނެޓްގައި 20 ވަޒީރުން ހިމެނިވަޑައިގަންނަވާއިރު، ކެބިނެޓްގެ %35އަކީ އަންހެނުންކަމަށް މީގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެއީ 7 އަންހެން ވަޒީރުންނެވެ.
"އެމްބެސެޑަރުންނާއި ޑެޕިއުޓީ އެމްބެސެޑަރުންގެ ގޮތުގައި 19 ބޭފުޅުން ތިއްބެވިއިރު، އޭގެ ތެރެއިން %31.5އަކީ އަންހެނުން. އަޅުގަނޑު ހިތުން މިއީ، ސިޔާސަތުތައް އެކުލަވައިލާ ފެންވަރުގައި އަންހެނުންގެ ޙިއްޞާ އިތުރުކުރުމަށް އެޅުނު ރަނގަޅު ފިޔަވަޅެއް." ރައީސް ޞާލިޙް ވިދާޅުވިއެވެ.
އަންހެނުން ބާރުވެރިކުރުވުމަކީ މުޅި މުޖްތަމަޢު ބާރުވެރިވެގެންދާނެ ކަމެއްގެގޮތުގައި ފާހަގަކުރައްވައި އަންހެނުން ބާކީކޮށް ހަވާސާކޮށްލައިގެން ހޯދޭނެ ކުރިއެރުމެއް ނޯންނާނެކަމަށް ރައީސް ވިދާޅުވިއެވެ. އަންހެނުންނާމެދު ކަމޭހިތައި އޯގާތެރިކަން އިސްކޮށް، އަންހެނުން ބާރުވެރިކުރުވައި، މުޖްތަމަޢުގައި ޙައްޤު މަޤާމަށް އަންހެނުން ގެންގޮސްދިނުމަށް ރައީސްވަނީ ގޮވާލައްވާފައެވެ.