ސިޔާސީ

ރަޖިސްޓްރީނުކޮށް ޖަމްޢިއްޔާ ހިންގޭނެގޮތް ހެދުމަށް މަޖިލީހަށް ބިލެއް ހުށައަޅައިފި


ރަޖިސްޓްރީނުކޮށް ޖަމްޢިއްޔާ ހިންގޭނެގޮތަށް "ޖަމްޢިއްޔާތަކުގެ ބިލް"ގެ ނަމުގައި ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މި ބިލު މަޖިލީހަށް ހުށައެޅުއްވީ ސަރުކާރުގެ ފަރާތުން ކެޔޮދޫ ދާއިރާގެ މެންބަރު މޫސާ ނިޒާރު އިބްރާހީމެވެ. މި ބިލް ހުށައެޅުމުގެ ބޭނުމަކީ، ޖަމްޢިއްޔާތަކަށް ވިޔަފާރި ކުރެވޭނެ ދައިރާތަކާއި، ފައިސާ ހޯދޭނެ ގޮތާއި، ދަރަންޏަށްޒިންމާވުމާ ގުޅޭ އުސޫލްތައް ބަޔާންކުރުމާއި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމްޢިއްޔާތަކުގެ ހަރަކާތްތައް ޒިންމާދާރުކަމާއެކު ހިންގޭނެ ނިޒާމެއް ޤާއިމްކޮށްދިނުމަކީ މި ސަރުކާރުގެ ސަތޭކަ ދުވަހުގެ ވަޢުދުގެ ތެރޭގައި ހިމެނޭ ކަމަކަށްވާތީކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

މި ބިލްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ރަޖިސްޓްރީނުކޮށް ޖަމްޢިއްޔާ ހިންގުމަށް ޤާނުނުން ހުރަހެއް ނެތްކަމަށެވެ. އެހެންނަމަވެސް ރަޖިސްޓްރީ ނުކޮށް ހިންގާ އެއްވެސް ޖަމްޢިއްޔާއަކަށް އެ ޖަމްޢިއްޔާގެ ނަމުގައި މުދާ މިލްކު ކުރުމާއި، އަމިއްލަ ނަމުގައި ދަޢުވާކުރުމާއި، ދަޢުވާ ލިބިގަތުމާއި މުދާ މިލްކުރުމުގެ ހައްޤު ލިބިގެން ނުވާކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޖަމްޢިއްޔާތަކުގެ ތެރެއިން މާލީ އެހީތެރިކަން ބޭނުންވާ ޖަމްޢިއްޔާތަކަށް އެ އެހީތެރިކަން ދަޢުލަތުން ފޯރުކޮށްދޭން ޖެހޭނެކަމަށާއި، ނަމަވެސް ރަޖިސްޓްރީނުކޮށް ހިންގާ އެއްވެސް ޖަމްޢިއްޔާއަކަށް އެ އިނާޔަތް ނުލިބޭނެކަމަށްވެސް ބުނެފައިވެއެވެ.

މި ބިލަށް ބަހުސްކުރެއްވިބައެއް މެންބަރުން ވަނީ ރަޖިސްޓްރީ ނުކޮށް ޖަމްޢިއްޔާތައް ހިންގުމަށް ފުރުޞަތު ދިނުމަކީ އިޖްތިމާޢީގޮތުން ހަރަކާތްތައް ހިންގުމުގައި ހަރަކާތްތެރިކޮށް ފެންނާނެކަމެއް ކަމަށެވެ. ނަމަވެސް ބައެއް މެންބަރުން ވަނީ ރަޖިސްޓްރީނުކޮށް ޖަމްޢިއްޔާ ހިންގުމަށް ފުރުޞަތު ދީފިނަމަ ގިނަ މައްސަލަތަކެއް ކުރިމަތިވެދާނެކމަށްވެސް ވިދާޅުވެފައެވެ.

ބައެއް މެންބަރުން ވަނީ ހަރަކާތްތެރި ޖަމްޢިއްޔާތަކަށް ރަށްރަށުން ބިން ލިބޭނެގޮތް ޤާނޫނުގެ ތެރެއިން ހަމަޖެހިގެން ދިއުމަކީ މުހިންމުކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

"ރަށްރަށުން ޖަމްޢިއްޔަތަކަށް ބިން ލިބޭނެ ގޮތް ޤާނޫނުގެ ތެރެއިން ލާޒިމްކުރުމަކީވެސް މުހިންމުކަމެއް" ބައެއް މެންބަރުން ވިދާޅުވިއެވެ.

މި ބިލްގައިވާގޮތުން ރާއްޖޭގައި ހިންގާ ހުރިހާ ޖަމްޢިއްޔާއެއް ތަމްސީލްކުރުމަށް 11 މެންބަރުންގެ މައްޗަށް އެކުލެވޭ ލަފާދޭ ކޮމިޓީއެއްވެސް އެކުލަވާލަންޖެހެއެވެ.