ކޮޅުމަޑުލު ހިރިލަންދޫއަށް ތަރައްޤީގެ ރޮންގުންނާއި އިޖްތިމާޢީ ރޮނގުން ދިމާވެފައިވާ މައްސަލަތައް އެރަށު ކައުންސިލުން ސަރުކާރާއި ހިއްސާކުރައްވައިފިއެވެ.
މިކަންކަން ސަރުކާރާއި ހިއްސާކޮށްފައިވަނީ ހިރިލަންދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިޞަލް ނަސީމްއާ އެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްގެންދިޔަ މި ބައްދަލުކުރެއްވުމުގައި ހިރިލަންދޫގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ބިމުގެ ދަތިކަމާއި، ސުކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، ބަނދަރު ބައްތި ނުޖަހާތީ ދިމާވަމުންދާ ދަތިތަކާއި، މަސްވެރިންނަށް އިތުރު ކަނދުފައްޗެއް ބޭނުންވާކަން ހާމަކުރައްވައި ކައުންސިލަށް ކުރިމަތިވެފައިވާ ބަޖެޓުގެ މައްސަލަ ހިއްސާ ކުރެއްވިއެވެ. މީގެ އިތުރުން މެންބަރުން ވަނީ ޞިއްޙީ މަރުކަޒަށް ބޭނުންވާ ބައެއް ވަސީލަތްތައް ނެތުމުން ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތައް ހިއްސާކުރައްވައިފައެވެ. އަދި ކައުންސިލުން ވަނީ ރަށުގެ ބޭސްފިހާރައިން ބޭސް ލިބެން ނުހުންނަ މައްސަލަ ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ސަމާލުކަމަށް ގެންނަވައިފައެވެ.
މީގެއިތުރުން ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާއި ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި ރަށުގެ ކުރިއެރުމަށްހުރި ދަތިތައް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިއްސާ ކުރިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ދެއްކެވި ވާހަކަފުޅުގައި، ހިރިލަންދޫ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށާއި، އެއްވެސް ރަށެއް ތަރައްޤީގެ ލިސްޓުން ބާކީ ނުވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.
ނާއިބުރައީސްގެ ވާހަކަފުޅުގައި އިޖުތިމާޢީ އަދި ތަރައްޤީގެ ރޮނގުން ކައުންސިލުން ކުރެވިދާނެ ކަންކަން ފާހަގަ ކުރެއްވިއެވެ. މިގޮތުން، ތަޢުލީމީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ސްކޫލާ ގުޅިގެން ދަރިވަރުން ހޭލުންތެރިކުރުމަށް މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން، ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައި، އެކަންކަމުގެ މަޢުލޫމާތު ރައްޔިތުންނާ ހިއްސާ ކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އެދިވަޑައިގެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަ ފުޅުގައި ދުޅަހެޔޮ ޞިއްޙަތެއްގައި ދެމިތިބުމަށްޓަކައި ރަނގަޅު އާދަތައް އަށަގެންނެވުމަށް އާންމުން ހޭލުންތެރި ކުރުވުމަށް އިތުރު ހަރަކާތްތައް ރޭވުމަށްވެސް އެދިވަޑައިގެންނެވިއެވެ. އަދި ތަރައްޤީއަށްޓަކައި ކުރެވޭ މަސައްކަތްތައް ބާރަށް ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލުން ރައްޔިތުންނާ ގާތުން މަސައްކަތް ކޮށްދެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.