ސިޔާސީ

ޕީޖީ ބިސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނެއްކާވެސް އަނބުރާ ނަގައިފި


ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިސާމްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގައިފިއެވެ.

ޕީޖީ ބިސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަހުށައެޅީ ތިނަދޫ ދެކުނު ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެންބަރު ޢަބްދުﷲ އަޙްމަދެވެ. މިއީ ޕީޖީ ބިސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައެޅުމަށްފަހު ނެންގެވި ދެވަނަ ފަހަރެވެ. ދެ ފަހަރުވެސް އެ މައްސަލަ މަޖިލީހަށް ވެއްދީ ޢަބްދުﷲ އަޙްމަދެވެ. ބިސާމްގެ މައްސަލަ އަނބުރާ ނެގި ސަބަބެއް ނޭނގެއެވެ.

މެންބަރު ޢަބްދުﷲ މަޖިލީހަށް ހުށަހެޅުއްވި އެ މައްސަލާގައި ބަޔާންކޮށްފައިވަނީ ޤާނޫނު އަސާސީއާ ޤާނޫނުން ޕީޖީއަށް މަތިކޮށްފައިވާ ޒިންމާތަކާއި ޙަވާލުކުރެވިފައިވާ މަސްއޫލިއްޔަތުތައް އޭގެ އެންމެ ރަނގަޅު ގޮތުގައި އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ.

ޕީޖީގެ އިތުބާރު ނެތްކަމަށް ހުށަހެޅުއްވި ސަބަބުތަކުގެ ތެރޭގައި ބަޔާންކޮށްފައިވަނީ މިދިޔަ ސަރުކާރުން ރައްޔިތުން މަޖިލީހުގެ މެންބަރުން ހައްޔަރުކުރިއިރު، އެ މެންބަރުން ހައްޔަރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ޕްރޮސިކިއުޓާ ޖެނެރަލް ކަށަވަރު ކުރައްވާފައިނުވާ ކަމަށެވެ.

ޕީޖީ ބިސާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނަގާފައިވާއިރު، އިދިކޮޅު ޕީޕީއެމުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިސާމް މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ހާޒިރުކުރުމަށް ނިންމާ މަޖިލީހަށް ހުށަހަޅާފައެވެ. އެ ކޮމިޓީއަށް ބިސާމް ހާޒިރުކުރަނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ބަންދުގައި ބެހެއްޓުމަށް ކޯޓަށް ހުށަހެޅި މައްސަލާގައެވެ.