ސިޔާސީ

މަޖިލިސް އިންތިޚާބުގެ ކުރިން ބޮޑު ޚިޔާނާތުގެ ތަޙްޤީގު އެއްކޮށް ނިންމައި ދިނުމަށް އެދިއްޖެ


މަޖިލިސް އިންތިޚާބުގެ ކުރިން އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާއި ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ކުރިއަށް ގެންދާ ތަޙްޤީގު ވީ އެންމެ އަވަހަކަށް ނިންމައި ދިނުމަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ބުނެފިއެވެ.

މަޖިލިސް އިންތިޚާބާއި ގުޅުވައިގެން އެމްޑީޕީން ސިލްސިލާކޮށް ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދު ވާހަކަފުޅުދައްކަވަމުން އެމްޑީޕީން މަޖިލިސް އިންތިޚާބަށް އައްޔަންކޮށްފައިވާ ތަރުޖަމާން އަފްޝަން ލަތީފް ވިދާޅުވީ އޭސީސީން ދާދިފަހުން ޢާއްމުކުރި އެމްއެމްޕީއާރްސީގެ ތަޙްޤީގު ރިޕޯޓުގައި ރައްޔިތުންގެ މަޖިލީހަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ އެއްވެސް ކެންޑިޑޭޓެއްގެ ނަމެއް ނެތް ކަމަށެވެ. ނަމަވެސް އޭސީސީން މިހާރުވެސް އެމްއެމްޕީއާރްސީގެ ތަޙްޤީގު ކުރިއަށް ގެންދާތީ ވީ އެންމެ އަވަހަކަށް އެ ތަޙްޤީގު ނިންމައި ފައިނަލް ރިޕޯޓެއް ޢާއްމު ކޮށްދިނުމަށް އެދޭ ކަމަށް އަފްޝަން ވިދާޅުވިއެވެ.

އޭސީސީގެ ރިޕޯޓުގައި އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓެއްގެ ނަން ނެތް ކަމަށް އަފްޝަން ވިދާޅުވިއިރު އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުވެސް ވަނީ އެ ރިޕޯޓުގައި ރައްޔިތުންގެ މަޖަލީހުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ އެއްވެސް ކެންޑިޑޭޓެއްގެ ނަމެއް ނެތް ކަމަށެވެ. ނަޝީދު ވިދާޅުވީ އޭސީސީން ނެރުނު ރިޕޯޓް އެއްކޮޅުން އަނެއްކޮޅަށް ވެސް ވިދާޅުވެފައިވާ ކަމަށާއި އެރިޕޯޓުން އެމްޑީޕީގެ ކެންޑިޑޭޓެއްގެ ނަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

އެމްއެމްޕީއާރްސީ ރިޕޯޓުގައި އެމްޑީޕީގެ ފަރާތުން މަޖިލީހަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަން ނެތް ކަމަށް އެމްޑީޕީން ބުނެފައިވީ ނަމަވެސް ސަރުކާރުގެ އިސް ފަރާތްތަކުގެ ނަން އެ ރިޕޯޓުގައި ހިމެނިފައިވާތީ އެފަރާތްތަކުން ވަނީ ގޭގައި މަޑު ކުރުމަށް އަންގާފައެވެ.