ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދަން މަސައްކަތްކުރަމުންދާކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.
ޕްރޮގްރެސިވްކޮންގްރެސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، މިނިސްޓަރ މާރިޔާގެ އިތުބާރުނެތްކަމުގެ މައްސަލަ އަންނަ ހަފްތާގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށެވެ. އަބްދުއްރަޙީމް ވިދާޅުވީ ޤައުމުގެ މިނިވަންކަން ބޭރުގެ ބަޔަކަށް ދޫކޮށްލަން ވިދާޅުވެފައި ނުވަތަ އިންޒާރުދީފައި އެހެން ނުތިބެވޭނެ ކަމަށާ، ދިފާއީ ވަޒީރުކަމުގެ މަޤާމުގައި ހުންނަވައިގެން އެފަދަ ވާހަކަފުޅުތައް ދައްކަވަތީ ހިތާމަކުރައްވާކަމަށެވެ.
މިނިސްޓަރ މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެކަމަށް އަބްދުއްރަޙީމް ވިދާޅުވީ، ޑިފެންސް މިނިސްޓަރ އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަރވިއުއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.
"މިޤައުމުގެ މިނިވަންކަން ބޭރު ބަޔަކަށް ދޫކޮށްލަން ވިދާޅުވެފައި، ނޫނީ އިންޒާރު ދެއްވާފައި ދެން އެހެން ނުތިއްބެވޭނެ. އެހެންވީމަ ޕީޕީއެމްއާއި ކޮންގްރެސް ޕާޓީ އިސްނަގައިގެން މިހާރު މިވައްދަނީ ޑިފެންސް މިނިސްޓަރު މާރިޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމަށް. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ހަފްތާގެތެރޭ އަޅުގަނޑުމެން މިމައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅާނަން" އަބްދުއްރަޙީމް ވިދާޅުވިއެވެ.
މީގެއިތުރުން ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދާމެދުވެސް އަބްދުއްރަޙީމް ވަނީ ނުރުހުން ފާޅުކުރައްވާފައެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތް މިއަދުންފެށިގެން ބާރު ސްޕީޑުގައި ކުރިޔަށްދާނެކަމަށްވެސް ޢަބްދުއްރައްޙީމް ވިދާޅުވިއެވެ.