ޚަބަރު

އެއްވެސް މެޗަކުން ބަލިނުވެ ކްލަބް އީގަލްސް ފައިނަލަށް


އެއްވެސް މެޗަކުން ބަލިނުވެ ކުލަބް އީގަލްސް ޔޫތް ޗެމްޕިއަންޝިޕްގެ ފައިނަލުން ޖާގަ ހޯދައިފިއެވެ.

އީގަލްސް ފައިނަލުން ޖާގަ ހޯދީ ސެމީ ފައިނަލް ފަހު މެޗްގައި ދަ ގްރާންޑޭ ތިނެއް އެކަކުން ބަލިކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީވެސް އީގަލްސްއިންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މި ލަނޑު ޖަހައިދިނީ އަޒްމޫންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ލިބުނު ޕެނަލްޓިއަކުން ދެވަނަ ލަނޑު ޖަހައިދިނީ ހަސަން ރާއިފު އެވެ. އެޓީމްގެ ތިންވަނަ ލަނޑުވެސް ޖަހައިދިނީ ކެޕްޓަން ރާއިފް އެވެ. މެޗްގެ 70ވަނަ މިނެޓްއިން ފެށިގެން ކުލަބް އީގަލްސް ކުޅެމުންދިޔައީ އެއް ކުޅުންތެރިއަކު މަދުންނެވެ. އެއީ އެޓީމްގެ ކީޕަރު އަލީފަށް ދެވަނަ ރީނދޫ ކާޑާއެކު ދެއްކީ ރަތް ކާޑު ސަބަބުންނެވެ.

މެޗްގެ 70ވަނަ މިނެޓްގައި ރެފްރީ އީގަލްސްގެ އަލީފަށް ރަތްކާޑް ދެއްކީ ޕެނަލްޓީގެ އޭރިއާގެ ބޭރުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައި ދަ ގްރާންޑޭގެ ކުޅުންތެރިއަކަށް ފައުލް ކުރިކަމަށް ބަލާފައެވެ. ނަމަވެސް އޭރިއާގެ ބޭރުން އެންމެ ފުރަތަމަ ބޮލުން ޖެހީ އަލީފްކަން ފާހަގަކޮށްލެވެއެވެ. އަލީފަށް ރަތް ކާޑް ދެއްކުމުން، އީގަލްސްގެ އޮފިޝަލުންވަނީ މިކަމާއި ވަރަށް ބޮޑަށް ހިންހަމަ ނުޖެހުން ފާޅުކޮށްފައެވެ.

އީގަލްސްގެ ކީޕަރު ބަދަލްކުރުމަށް ގިނަ ވަގުތުތަކެއް ހޭދަވީއިރު، ރެފްރީވަނީ އިތުރު ވަގުތުގެ ގޮތުގައި 12 މިނެޓް ދައްކާފައެވެ. މެޗުގައި ދަ ގްރާންޑޭގެ ގޯލް ޖަހައިދިނީ ސައިމް މުޙައްމަދެވެ.

އީގަލްސްގެ އެސިސްޓަންޓް ކޯޗު އިބްރާހިމް ސައީދު ބުނީ މިއީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށެވެ. އަދި ކޮންމެ މެޗްއެއްގައިވެސް ހެދޭ ގޯސްތައް ދެވަނަ މެޗްގައި ތަކުރާރު ނުވާކަމަށާއި މި މެޗުގައި ކުޅުން ގޯސް ނޫންކަމަށެވެ. އަދި ސެމީ ފައިނަލް މެޗުން މޮޅުވުމުގައި ކުޅުންތެރިންގެ ތަޖްރިބާގެ ބޭނުން ވަރަށް ބޮޑަށް ހިފި ކަމަށްވެސް އޭނާ ބުންޏެވެ.

ދަ ގްރޭންޑްގެ ކޯޗް އަޙުމަދު ނާޝިދު ބުނީ މެޗްގެ ފުރަތަމަ ހާފްގައި ޕެލޭން ކުރި ގޮތަށް ހުރިހާކަމެއްވެސް ދިޔަކަމަށާއި ނަމަވެސް ފުރަތަމަ ހާފް ނިމެން ދަނިކޮށް އީގަލްސްއިން ޖެހި ގޯލާއެކު ވަރަށް ގިނަ ކަންތައްތައް ބަދަލް ކުރަން ޖެހުނުކަމަށެވެ. އަދި ދެވަނަ ހާފް ފެށިގެން ބައިކޮޅަށް ގޯލެއް ވަނުމާއެކު، އިތުރަށް ޓީމް ޕްރެޝަރަށް ވެއްޓި، ދެގުނަ މަސައްކަތް ކުރަން ޖެހުނުކަމަށް ނާޝިދު ބުންޏެވެ. އަދި ދެވަނަ ހާފްގައި އިގަލްސްއިން ބޮޑަށް ކުޅެމުންދިޔައީ އެޓީމްގެ ގިނަ ކުޅުންތެރިންގެ ތަޖްރިބާ ބޭނުންކޮށްގެންކަމަށްވެސް ނާޝިދު ފާހަގަކުރިއެވެ.

އަންނަ އަންގާރަ ދުވަހުގެރޭ ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗްގައި އީގަލްސް ވާދަކުރާނީ މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ގްރީން ސްޓްރީޓްސް ކަޓުވާލުމަށް ފަހު ފައިނަލުން ޖާގަހޯދި ޓީސީ ސްޕޯޓްސް ކްލަބް އާއެވެ. މިއީ އީގަލްސް މިމުބާރާތުގެ ފައިނަލްގައި ވާދަކުރާ 5 ވަނަ ފަހަރެވެ.