ވިޔަފާރި

އެންމެ ޤާބިލް މުވައްޒަފުން ތިބި ކުންފުންޏަށް ހެދުމަކީ އަމާޒެއް- ބީއެމްއެލްގެ ސީއީއޯ


ދިވެހިރާއްޖޭގެ ވަޒީފާގެ ދާއިރާގައި ހަރަކާތްތެރިވާ އެންމެ ކުޅަދާނަ އަދި ޤާބިލް މުވައްޒަފުންނަށް ބީއެމްއެލްގެ މުވައްޒަފުން ހެދުމަކީ ކުންފުނީގެ އަމާޒެއްކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ޑެޕިއުޓީ ސިއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ބީއެމްއެލް އިން އަލަށް ތަޢާރަފްކުރި ބީއެމްއެލް ރިވެލި ޕްރޮގްރާމު އިފްތިތާޙުކޮށްދެއްވާ ވާހަކަދައްކަވަމުން މުހައްމަދު ޝަރީފް ވިދާޅުވީ ބީއެމްއެލްއަކީ އެކުންފުނީގެ މުވައްޒަފުންގެ ކުރިއެރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރާ ކުންފުންޏެއްކަމަށެވެ. މުއައްޒަފުންނަކީ ކުންފުންޏެއްގެ އެންމެބޮޑު ރައުސުލްމާލެވެ. ޝަރީފް ވިދާޅުވީ، ބޭންކުގެ މުވައްޒަފުންނަށް ޚާއްސަކޮށްގެން ތަމްރީނު ޕްރޮގްރާމުތައް ކުރިއަށްގެންދާއިރު، ރާއްޖޭގެ އެންމެ ކުޅަދާނަ އަދި އެންމެ ޤާބިލް މުވައްޒަފުން ތިބި ކުންފުންޏަކަށް ބީއެމްއެލް ހެދުމަކީ ކުންފުނީގެ އަމާޒެއްކަމަށެވެ.

ބީއެމްއެލްގެ މުވައްޒަފުން ކުރިއަރުވައި ބޭންކުގެ ވިޔަފާރީގެ ތަސައްވުރާއި އެއްގޮތްވާގޮތުގެ މަތިން މުވައްޒަފުން ތަމްރީނުކުރުމަށްޓަކައި އެކުންފުނިން ވަނީ ބީއެމްއެލް ރިވެލިގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް ތަޢާރަފްކޮށްފައެވެ. މި ޕްރޮގްރާމުގެ ދަށުން ވިލާ ކޮލެޖުން ބޭންކިންގ އަދި ފައިނޭންސްގެ ދާއިރާއިން ޑިޕްލޮމާ ފެންވަރުގެ ކޯހެއް ހެދުމުގެ ފުރުސަތު ބީއެމްއެލްއިން ހުޅުވާލާފައިވާއިރު އެކުންފުނީގެ މުވައްޒަފުންނަށާއި އަދި އާންމު ފަރާތްތަކަށް ވެސް މި ޕްރޮގްރާމުގައި ބައިވެރިވެވޭނެކަމަށް ބިއެމްއެލްއިން ވަނީ ބުނެފައެވެ.

ބޭންކް އޮފް މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ މުވައްޒަފުން މަސައްކަތްކުރާ އެއް ކުންފުންޏެވެ. އަދި ބޭންކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ ތެރެއިން ނިސްބަތުން އެންމެ ގިނައީ ދިވެހި މުވައްޒަފުންކަމަށް ބިއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން މުވައްޒަފުންގެ އެކި ކަންކަމުގައި ގެންގުޅެފައިވާ ސިޔާސަތުތަކާއި އުސޫލުތަކާއި ގުޅިގެން ވޯލްޑް އެޗްއާރުޑީ ކޮންގްރެސް އާއި އެމްޕްލޯޔަރ ބްރޭންޑިންގ އިންސްޓިޓިއުޓް އިން ދޭ ޝަރުފުވެރި އެވޯޑް " އޭޝިޔާސް ބެސްޓް އެމްޕްލޯޔަރ ބްރޭންޑް އެވޯޑް" ވެސް ބޭންކް އޮފް މޯލްޑިވްސް އަށް ޖެހިޖެހިގެން 2 އަހަރު ލިބިފައިވެއެވެ.