ރާއްޖޭގައި އުފައްދާ ކަނޑުމަހުގެ ބާވަތްތައް އިތުރުކޮށް މަތީ އަގުލިބޭ ބާވަތްތައް އުފެއްދުމަށްޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ފެށުމަށް ނިންމައިފިއެވެ.
"ޖަމާޢަތެއްގެ ގޮތުގައި މަހާއި މަހުގެ އުފެއްދުންތައް ތައްޔާރުކުރުމުގެ ޕްރޮގްރާމު" ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ އަމިއްލަ ފަރުދުންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް މެދުވެރިކޮށް ރަށުފެންވަރުގައާއި އަދި އަތޮޅު ފެންވަރުގައި މަސްވެރިކަމުގެ އުފެއްދުންތައް އުފައްދާ، މިފަދަ އުފެއްދުންތައް ގަންނަ ފަރާތްތަކާއި ހަމައަށް ފޯރުކޮށްދިނުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ.
މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ، ތިއަރީ ސެޝަންތަކާއި އަމަލީ ސެޝަންތަކާއިއެކުގައެވެ. އެގޮތުން މި ޕްރޮގްރާމުގައި މަހުގެ ބާވަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ގޮތްތަކާއި މިންގަނޑުތައް ބައިވެރިންނަށް ކިޔައިދެވޭނެއެވެ. އަދި ކަނާގެ ރައްކާތެރިކަމާއި މަސް ލޭބަލްކުރުމާއި ބަންދުކުރުމުގެ އިތުރުން މަހުގެ އުފެއްދުންތަކުގެ ތަފާސްހިސާބު ބެލެހެއްޓުމާއި މަހުގެ ތަފާތު ޕްރޮޑަކްޓްތައް އުފެއްދާނެ ގޮތްތައް ކިޔައިދެވޭނެއެވެ. މީގެ އިތުރުން ކޯޕަރޭޓިވް ސޮސައިޓީ އުފެއްދުމާއި އަދި ކޯޕަރޭޓިވްސްގެ ފައިދާތަކާއި ބެހޭ މަޢުލޫމާތު ބައިވެރިންނަށް ލިބިގެންދާނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ވިޔަފާރީގެ ދާއިރާއަށް ޝައުޤުވެރިވާ އަދި މަހުގެ ތަފާތު އުފެއްދުންތައް ތައްޔާރުކުރުމަށް ޝައުޤުވެރިކަން ހުރި ކޮންމެ ބޭފުޅަކަށް ވެސް މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެވޭނެކަމަށެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި އެމީހެއްގެ ނަމާއި ގުޅޭނެ ފޯން ނަންބަރާއިއެކު، މާޗް މަހުގެ 14 ވަނަ ދުވަހުގެ ކުރިން ފިޝަރީޒް މިނިސްޓްރީއަށް ސިޓީއެއް ހުށަހަޅަން ޖެހޭނެކަމަށް މިނިސްޓްރީން ބުނެއެވެ. ފިޝަރީޒް މިނިސްޓްރީން ކުރިއަށްގެންދާ އެހެނިހެން ޕްރޮގްރާމުތަކާއި އެއްގޮތަށް މި ޕްރޮގްރާމުގައި ބައިވެރިވާ ހުރިހާ ބޭފުޅުންނަށް ވެސް އެލެވެންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞޯލިޙްގެ ރިޔާސީ ބަޔާނުގައި ވެސް ވަނީ މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުކުރައްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ދަޅުގައި މަސް ބަންދުކުރުމުގެ ޤާބިލްކަން އިތުރުކޮށް ފިނިކުރި ރޯމަހުގެ އެކްސްޕޯޓު މަދުކުރުމަކީ ސަރުކާރުގެ އަމާޒެއްކަމަށް ރައިސް ވިދާޅުވެފައިވެއެވެ.
ދިވެހި މަސްވެރިކަމުގެ ސިނާޢަތު ހަރުދަނާކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ދަށުން މިފްކޯއިން އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ މަސް ކާރުޚާނާ މިއަހަރުގެ ތެރޭގައި ނިމޭނެކަމަށް ސަރުކާރުން ބުނެއެވެ. އަދި އިތުރު ރަށްރަށުގައި އައިސް ޕްލާންޓް ޤާއިމުކޮށް ފެލިވަރު ކޯލްޑް ސްޓޯރޭޖްގެ ޖާގަ މިއަހަރުތެރޭ އިތުރުވެގެންދާނެކަމަށް ވެސް ސަރުކާރުން ވަނީ ބުނެފައެވެ.