މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ތުރުކީވިލާތުގެ އިސްތަންބުލްގައި ހުންނަ ސައުދީ ޢަރަބިޔާގެ ކޮންސުލޭޓްގައި އަނިޔާވެރިކަމާއެކު މަރާލި ނޫސްވެރިޔާގެ މައްސަލަ އެމެރިކާއިން ތަޙުޤީޤުކުރާނެކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވެއްޖެއެވެ.
ސައުދީ ޢަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚާޝޫޤްޖީ މަރާލާފައިވަނީ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ސައުދީ ޖާސޫސީ އިދާރާގެ އޮފިޝަލުންތަކެއްކަމަށް ސައުދީ ޢަރަބިއްޔާއިން ވަނީ މީގެކުރިން ބުނެފައެވެ. އެހެންނަމަވެސް ތުރުކީވިލާތާއި އެމެރިކާގެ ޖާސޫސީ އިދާރާތަކުން ބުނެފައިވަނީ ނޫސްވެރިޔާ މަރާލުމަށް ޢަމުރުކުރައްވާފައިވަނީ ސައުދީ ސަރުކާރުގެ އިސް އޮފިޝަލެއް ކަމަށެވެ.
ހަންގޭރީއަށް ކުރެއްވި ދަތުރެއްގައި ނޫސްވެރިންނާ ވާހަކަދައްކަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕެއޯ ވިދާޅުވީ، މިފަދަ އަނިޔާވެރި ޢަމަލެއް ފޮރުވުމަށް ކުރާ މަސައްކަތްތަކުގައި އެމެރިކާއިން ބައިވެރިނުވާނެކަމަށެވެ. އަދި ނޫސްވެރިޔާ މަރާލި މައްސަލައިގައި ޒިންމާވާ ހުރިހާ ފަރާތެއް ޖަވާބުދާރީކުރުވުމަށް އެމެރިކާއިން ތައްޔާރަށް އޮތްކަމަށްވެސް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މިހެން ވިދާޅުވެފައިވަނީ ނޫސްވެރިޔާ މަރާލި މައްސަލައިގައި ސައުދީ ޢަރަބިޔާއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުން ސަރުކާރަށް ގޮވާލާފައިވާ ދަނޑިވަޅެއްގައެވެ. މި ގޮތުން، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންގެ އިތުރުން ސަރުކާރު ތަމްސީލުކުރާ ރިޕަބްލިކަން ޕާޓީގެ މެމްބަރުންވެސް ވަނީ ސައުދީ ޢަރަބިޔާއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ގޮވާލައްވާފައެވެ.