ކޮރަޕޝަންގެ މައްސަލަތައް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެވޭނެ ނިޒާމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޤާއިމްކޮށްފިއެވެ. "ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން"ގެ ނަމުގައި ޤާއިމްކުރި މި ޕޯޓަލް އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ޕޯޓަލަކީ ކޮރަޕްޝަން ހުއްޓުވުމުގައި، ރައްޔިތުންގެ ބައިވެރިވުމާއި ޙިއްސާ އިތުރުކުރުމުގެ މަޤްޞަދުގައި ޤާއިމްކުރި ކޮރަޕްޝަންގެ މައްސަލަތައް ހުށަހަޅާނެ ވެބްޕޯޓަލްއެކެވެ. މި ޕޯޓަލް މެދުވެރިކޮށް ކޮރަޕްޝަންގެ މައްސަލައެއް ހުށަހަޅާއިރު، ކާކުކަން ނޭނގޭގޮތަށް މައްސަލަތައް ރިޕޯޓްކުރެވޭނެއެވެ. އަދި އެކަންކަމާ ގުޅޭ ލިޔެކިއުންތައްވެސް މި ނިޒާމް މެދުވެރިކޮށް ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެވޭނެއެވެ.
މި ޕޯޓަލް އިފްތިތާހުކޮށްދެއްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވީ، މި ޕޯޓަލް މެދުވެރިކޮށް ކޮރަޕްޝަންގެ މައްސަލައެއް ހުށަހެޅީ ކާކުކަން އެނގިދާނެތީ ޖެހިލުންވެވަޑައިގަނަވަން ނުޖެހޭނެކަމަށެވެ. ރައީސް ވަނީ ވީހާވެސް ގިނަ ފަރާތްތަކުން ކޮރަޕްޝަންގެ މައްސަލައެއް ފާހަގަވެއްޖެނަމަ މި ޕޯޓަލް މެދުވެރިކޮށް ހުށައެޅުމަށް އިލްތިމާސްކުރައްވާފައެވެ.
"ދައުލަތުގެ ހުރިހާ އިދާރާއެއްގެ ހުރިހާ ފެންވަރެއްގެ މުވައްޒަފުންނަށްވެސް، އަޅުގަނޑު މިއަދު ގޮވާލަނީ، އަޅުގަނޑުމެން މި ހުޅުވައިދިން ދޮރުން ވަދެވަޑައިގަންނަވާށޭ. އެބޭފުޅެއްގެ އޮފީހުގައި ނާޖާއިޒު ކަމެއް ހިނގާކަމަށް ޝައްކުވިޔަސް، އެކަމެއް އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދެއްވުމަށް އަޅުގަނޑު އެދެން." ރައީސް ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީ ޕޮލިސީ އައިމިނަތު ޝައުނާ ވިދާޅުވީ، ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ކަންކަމުގެ ގޮތުގައި ދެ ހާހަށްވުރެ ގިނަ ރެކެމަންޑޭޝަން ސަރުކާރުގެ ވުޒާރާތަކާއި ބެހޭގޮތުން ހުށައަޅާފައިވާކަމަށެވެ. އިތުރު ދިރާސާތަކެއް ކުރުމުގެ ބަދަލުގައި އެކަންކަން ތަންފީޒްކުރުމަށް ސިޔާސަތުތައް ބައްޓަންކުރުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ޝައުނާ ވިދާޅުވިއެވެ.
"ކޮންމެ މުއައްސަސާއެއްގައިވެސް ކޮންމެ މިނިސްތްރީއެއްގައިވެސް އެބަހުރި ހައްލުކުރަންޖެހޭ ވަރަށް ގިނަ ކަންކަން. އެކަނަކން ދެނެގަނެ އިރާދަކުރެއްވިއްޔާ މި އޮފީހުގެ ފަރާތުން ރިޕޯޓެއް ތައްޔާރުކޮށް ޢާންމުންނާ އެ ރިޕޯޓް ހިއްސާކުރާރަން." ރައީސް ވިދާޅުވިއެވެ.
"ޒީރޯ ޓޮލަރެންސް ޓު ކޮރަޕްޝަން" ކެމްޕެއިން އިފްތިތާހުކޮށްދެއްވުމުގެ ރަސްމިއްޔާތަށްފަހު ވަނީ
ހުރިހާ އިންތިޚާބީ އަދި އައްޔަނުކުރެވޭ މަގާމުތަކަށް ވަޑައިގަންނަވާ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ "އެންޓިކަރަޕްޝަން އަދި ގުޑްގަވަނަންސް އާގުޅޭ ޕްރޮގްރާމް"ގައި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ނާއިބު ހިމެނިވަޑައިގަންނަވާހެން ކެބިނެޓް ވަޒީރުންނަށް ޚާއްޞަ މަޢޫލޫމާތު ދިނުމުގެ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައެވެ.