އަންނަ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ އެމްޑީޕީގެ 86 ކެންޑިޑޭޓުންގެ މާލީ ބަޔާން ހާމަކުރަން ނިންމާފައިވާ ކަމަށް އެޕާޓީން ބުނެފިއެވެ.
މަޖިލިސް އިންތިޚާބަށް އެމްޑީޕީން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ކޮންމެ ދުވަހަކު އެޕާޓީގެ ފަރާތުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް އަދި މަޖިލިސް އިންތިޚާބުގެ ސްޕޯކްސް ޕާސަން އަފްޝަން ލަތީފް ވިދާޅުވީ މާލީ ބަޔާން ހުށަހަޅަން ޖެހޭނެ ގޮތުގެ ފޯމެޓެއް އިންތިޚާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް މިހާރު ފޮނުވާފައިވާ ކަމަށެވެ.
އަފްޝަން ވިދާޅުވީ މާލީ ބަޔާން މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުށަހަޅަން ކެންޑިޑޭޓުންނަށް އަންގާފައިވާނެ ކަމަށެވެ. އަފްޝަން ވިދާޅުވީ އެކަން ކުރުމުގެ ބޭނުމަކީ ރައްޔިތުންގެ އިތުބާރު ލިބޭ ގޮތަށް ދެފުށް ފެންނަ ގޮތަކަށް އިންތިޚާބުގެ ކަންކަން ކުރިއަށް ގެންދިއުން ކަމަށެވެ. އޭނާ ވިދާޅުވީ ކެންޑިޑޭޓުންގެ މާލީ ބަޔާންތައް އެމްޑީޕީ އޮފީހުގެ ވެބްސައިޓުގައި ޝާއިޢު ކުރާނެ ކަމަށެވެ.
އެމްޑީޕީގެ ފަރާތުން މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ މާލީ ބަޔާން ޢާއްމު ކުރުމަށް އެޕާޓީން ނިންމާފައިވާއިރު މިދިޔަ ބުދަ ދުވަހު އެޕާޓީން ވަނީ ހުރިހާ ކެންޑިޑޭޓުންގެ ފޯމްތައް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައެވެ. ނަމަވެސް އޭގެތެރެއިން މަޢުލޫމާތު ފުރިހަމަ ނުވާ 10 ފޯމެއް އިލެކްޝަންސް ކޮމިޝަނުން ވަނީ ބާތިލްކޮށްފައެވެ.
އެކަމާ ގުޅޭގޮތުން އަފްޝަން ވިދާޅުވީ އެ ފޯމްތަކުގެ މަޢުލޫމާތު ފުރިހަމަ ކުރުމުގެ މަސައްކަތް އެޕާޓީގެ ފަރާތުން މިހާރު ފަށާފައިވާ ކަމަށާއި ވަރަށް އަވަހަށް އެ ފޯމްތައްވެސް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.