ކުޅިވަރު

ހާތަރ ބާލިން ބަލިކޮށް ޖާމަން ކަޕުގެ ކުއާޓަރ ފައިނަލަށް ބަޔާން މިޔުނިކް ދަތުރުކޮށްފި


ހާތަރ ބާލިން ބަލިކޮށް ޖާމަން ކަޕުގެ ކުއާޓަރ ފައިނަލަށް ބަޔާން މިޔުނިކް ދަތުރުކޮށްފިއެވެ.

ހާތަރ ބާލިންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު ބަޔާންއިން ކާމިޔާބުކުރީ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދޭއް ދެއަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށްޓަކައި ކުޅުނު އިތުރުވަގުތުގެ ތެރޭގައި ލަނޑެއް ޖަހާއި ތިނެއް ދެއަކުންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ހާތަރ ބާލިން އިންނެވެ. މި ލަނޑު މެޗުގެ ތިންވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ މިޓެލްސްޓަޑެވެ. ނަމަވެސް އޭގެ ހަތަރު މިނެޓުފަހުން ބަޔާންގެ ނާބްރީ ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިމެޗުގައި ބަޔާނަށް ފުރަތަމަ ފަހަރަށް ލީޑް ނަގައިދިނީވެސް ނާބްރީއެވެ.

ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު މި މެޗުގައި ހާތަރ ބާލިން އިން މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ ޑަވީ ސެލްކޭއެވެ. މެޗުގެ ނުވަދިހަ މިނެޓު ހަމަވިއިރު ނަތީޖާ އެއްވަރުވެފައި އޮތުމުގެ ސަބަބުން ނަތީޖާ ނެރުމަށްޓަކައި ފަނަރަ މިނެޓުގެ ދެ ހާފުގައި ބަޔާން މޮޅުވި ލަނޑު ޖަހައިދިނީ ކިންގްސްލީ ކޯމަންއެވެ.