ވިޔަފާރި

މި ދައުރު ނިމޭއިރު، ދައުލަތުގެ ރިޒާވް، 1 ބިލިއަން ޑޮލަރަށް އިތުރުކުރާނަން - ރައީސް


ސަރުކާރުގެ އަމާޒަކީ މި ދައުރު ނިމޭއިރު، ދައުލަތުގެ ރިޒާވް، 1 ބިލިއަން ޑޮލަރަށް އިތުރު ކުރުންކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވީ މިއަދުގެ މިހާތަނަށް ރާއްޖޭގެ ޔޫޒަބަލް ރިޒާވް، 308 މިލިއަން ޑޮލަރަށް އިތުރުކުރެވިފައިވާކަމަށެވެ. މިއީ 2012 ވަނަ އަހަރުގެ ފަހުން، ރާއްޖޭގެ ޔޫޒަބަލް ރިޒާވް މިހާ މައްޗަށް ޖެއްސުނު ފުރަތަމަ ފަހަރު ކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.
މިގޮތުން ސަރުކާރުން އަމާޒު ހިފާފައިވަނީ، އިޤްތިޞާދީ ގޮތުން ޤައުމަށް ބޮޑު ކުރިއެރުމެއް ހޯދައި، މިވެރިކަމުގެ ދައުރު ނިމޭއިރު، ދައުލަތުގެ ރިޒާވް، 1 ބިލިއަން ޑޮލަރަށް އިތުރު ކުރުމަށް ރައީސް ފާހަގަކުރެއްވިއެވެ.
ދިވެހި ދައުލަތުގެ މާލީ ހިސާބުތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ، ހުސްވި އަހަރު ނިމުނުއިރު، ހިލޭ އެހީއާއި އާމްދަނީގެ ގޮތުގައި ދައުލަތަށް 21.7 ބިލިއަން ރުފިޔާ ލިބުނުއިރު، 25.5 ބިލިއަން ރުފިޔާ ޚަރަދު ކުރެވިފައިވާ ކަމަށެވެ. މިދިޔަ އަހަރު ނިމުނުއިރު، ބަޖެޓު އޮތީ 3.8 ބިލިއަން ރުފިޔާއިން ޑެފިސިޓްވެފައިވާކަމަށެވެ. މިގޮތުން 2018 އަހަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި 43.8 ބިލިއަން ރުފިޔާއަށް އެރިކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިއީ ޖީ.ޑީ.ޕީގެ ނިސްބަތުން %53.1 އެވެ.

"
ރާއްޖޭގެ އިޤްތިޞާދަށް މިހާރު ލިބެމުން އަންނަ ކުރިއެރުމާއެކު، މި އަހަރުގެ ތެރޭގައި، ދައުލަތަށް 23.3 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ. އެއީ 2018 ވަނަ އަހަރާ އަޅައިބަލާއިރު، %7.8 އިތުރު މިންވަރެއް. މީގެ ބޮޑު އިންސައްތައަކީ ޓެކުހުގެ ގޮތުގައި ލިބޭނެ އާމްދަނީ. އަޅުގަނޑުގެ އިޤްތިޞާދީ އަމާޒަކީ، މި ވެރިކަމުގެ 5 އަހަރު ނިމިގެންދާއިރު، ރާއްޖެއަށް އަހަރަކު ލިބޭ އާމްދަނީގެ މިންވަރު 30 ބިލިއަން ރުފިޔާއަށް އިތުރުކުރުން.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް

ރިޔާސީ ބަޔާނުގައި ރައީސް ޞާލިޙް ވަނީ ރާއްޖޭގެ މަނިޓަރީ ސިޔާސަތު ހަރުދަނާކުރުމުގެ ގޮތުން، އިސްލާމިކް މަނިޓަރީ ޕޮލިސީ އިންސްޓްރޫމަންޓްތަކެއް މިއަހަރުގެ ތެރޭގައި ތަޢާރުފްކުރުމަށް މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އަދި "ނޫ އިޤްތިޞާދު"ގެ ތަޞައްވުރަކީ ޢުމްރާނީ ތަރައްޤީއަށް ކުރާ ހޭދަ ކުޑަނުކޮށް، މިހާރު ހިނގަމުންދާ މަޝްރޫޢުތައް އަވަހަށް ނިންމައި، އުފެއްދުންތެރިކަން ކުރިއަށް ޖެއްސޭނެ، އިޤްތިޞާދީ އައު މަޝްރޫޢުތަކަށްވެސް ޖާގަ ދިނުންކަމަށްވެސް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.