ވިޔަފާރި

ދިވެހިންގެ ފަހްރުވެރި މަސް ކާރުޚާނާއަށް 41 އަހަރު


1971 ވަނަ އަހަރު ސްރީލަންކާއިން ދިވެހި ހިކިމަސް ގަތުން ކުއްލިއަކަށް ހުއްޓާލުމާ ގުޅިގެން އެކްސްޕޯޓް ވިޔަފާރިން ދިވެހިރާއްޖެއަށް ފައިސާ ލިބެމުންދިޔަ ހަމައެކަނި މަގު ބަންދުވިއެވެ. ދިވެހި ގައުމަށާއި އިޤުތިޞާދަށް ކުރިމަތިވި މި ހާސްކަމުން ސަލާމަތް ހޯދުމަށާއި ދިވެހި މަހުގެ އުފެއްދުންތައް ރާއްޖޭން ބޭރަށް އެކްސްޕޯޓް ކުރެވޭނެ މަގެއް ފަހިވޭތޯ ރައީސް އިބްރާހީމް ނާޞިރު މަސައްކަތްޕުޅު ފެއްޓެވިއެވެ.
މަސްވެރިކަން ތަރައްޤީ ކުރުމަށްޓަކައި ސަރުކާރާއި ރައްޔިތުން ގުޅިގެން ކުރެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ޓޫނާ ޕްރޮސެސިންގ ޕްލާންޓެއް ގާއިމު ކުރުމުގެ މަސައްކަތް 1977 ވަނަ އަހަރު ދިވެހި ސަރުކާރާއި ޖަޕާނުގެ ކުންފުންޏެއްކަމަށްވާ ނިޕޮން ސުއިޒާން ކައިޝާ ލިމިޓެޑާ ގުޅިގެން ފަށާ، 1978 ވަނަ އަހަރު ފެބުރުއަރީމަހުގެ 3 ވަނަ ދުވަހު ފެލިވަރު ކޭނިންގ ފެކްޓަރީގެ ނަމުގައި، ދަޅުގައި މަސް ބަންދުކުރާ ކާރުޚާނާއެއް ފެލިވަރުގައި ހުޅުވައި މަސް ބަންދު ކުރަން ފެށުނެވެ. މިއީ މިއަދު ދުނިޔޭގެ އެކި ކަންކޮޅުތަކަށް އެކްސްޕޯޓްކޮށް، ގިނަ ބައެއްގެ މެދުގައި މަޤްބޫލް ފެލިވަރު މަސްދަށުގެ ފެށުމެވެ. ރާއްޖެއިން ބޭރަށް އެކްސްޕޯޓްކުރުމަށް ރާއްޖެއިން އުފެއްދި ފުރަތަމަ އަމިއްލަ އުފެއްދުމެވެ.

ފެލިވަރު ކާރުހާނާގެ ފެށުން

ފެލިވަރު ކޭނަރީ ރަސްމީކޮށް ހުޅުވާ މަސް ބަންދުކުރުމުގެ މަސައްކަތް ފެށީ 1978 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުއެވެ. މިތަން ރަސްމީކޮށް ހުޅުއްވާ ދެއްވީ އޭރުގެ ފިޝަރީސް މިނިސްޓަރ އަހުމަދު ހިލްމީ ދީދީއެވެ. ފުރަތަމަ ހުޅުވުނު އިރު މަސް ފެކްޓްރީގެ ކެޕޭސިޓީއަށް ބަލާއިރު، ދުވާލެއްގެ މައްޗަށް މިކޭނަރީން 8 މެޓްރިކް ޓަނުގެ މަސް ކަނޑާ، ދަޅުގައި ބަންދުކުރަމުންދިޔައެވެ.

ކާރުހާނާގައި ފުރަތަމަ 70 ވަރަކަށް މުވައްޒަފުން މަސައްކަތްކުރިއިރު، މީގެތެރޭގައި އިދާރީ މުވައްޒަފުން، ލޭބަރ މަސައްކަތްތެރިން އަދި އެހެނިހެން މަޤާމުތަކުގައި ހަރަކާތެރިވި ފަރާތްތައް ހިމެނެއެވެ.
ކޭނަރީ ހުޅުވާ، ރާއްޖޭގެ އިޤްތިސާދުގެ މައިގަނޑު ސިނާއަތުގެ ގޮތުގައި އޮތް މަސްވެރިކަމުން ލިބޭ މަސް ބޭނުންކޮށް އުފައްދާ މަސްދަޅު ވެގެންދިޔައީ ރާއްޖެއާއި ރާއްޖެއިން ބޭރުގައިވެސް ބޮޑު ތަރުހީބެއް ލިބުނު އުފެއްދުމަކަށެވެ.

ފެލިވަރު ކާރުހާނާ ތަރައްޤީކުރުން

ފެލިވަރު މަސް ދަޅަށް އޮތް ޑިމާންޑު ބޮޑުވަމުންދިޔައިރު، ޑިމާންޑާ އެއްވަރަށް އޮތީ މަސް ބަންދު ނުކުރެވިފައެވެ. އެކަން ހައްލުކުރުމުގެ ގޮތުން ފެކްޓްރީ އަޕްގްރޭޑް ކުރުމުގެ ފުރަތަމަ މަޝްރޫގެ ފެށުމަށް ނިންމީ 1985 ވަނަ އަހަރުއެވެ. އެމަޝްރޫޢުގެ އަމާޒަކަށްވީ ދުވާލަކު 8 ޓަނުގެ މަސް ބަންދުކުރަމުން ދިޔަ ކާރުހާނާއިން ދުވާލަކު ފަންސާސް ޓަނުގެ މަސް ބަންދުކުރެވޭ ގޮތް ހެދުމެވެ. 1986 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ 11 ވަނަ ދުވަހު މިމަޝްރޫޢުގެ ފަށްޓަވައިދެއްވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމެވެ. ދެން ފެނިގެންދިޔައީ އެމަޝްރޫޢުގެ ދަށުން ކުރެވުނު ބުރަ މަސައްކަތްތަކެކެވެ. އަހަރުތަކަކަށް ބަހާލައިގެން ކުރިޔަށް ގެންދިޔަ މިމަޝްރޫގެ ދަށުން ފެލިވަރު މަސް ފެކްޓްރީގައި މަސް ދަޅު ބަންދުކުރުމުގެ ކެޕޭސިޓީ ދުވާލަކު 8 ޓަނުން 50 ޓަނަށް އިތުރުކުރެވިގެން ދިޔައެވެ. އަދި ފެލިވަރު މަސްފެކްޓްރީގެ އެހެން މަސައްކަތްތަވެސް ފުޅާކުރުމުގެ މަސައްކަތްތައް ފެށިގެން ދިޔައެވެ. 1987 ވަނަ އަހަރު ޖެނުއަރީ މަހު ފެކްޓްރީގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީ 250 ޓަނުން 750 ޓަނަށް ބޮޑުކުރުމުގެ މަޝްރޫވެސް ފެށިގެން ދިޔައެވެ. އަދި ބައިނަލްއަޤްވަމީ މިންގަނޑުތަކަށް ފެތޭ އުފެއްދުންތަކެއް ރާއްޖޭގައި ދިޔައީ އުފައްދަމުންނެވެ.

ރާއްޖޭ އަކީ ދެމެހެއްޓެނިވި މަސްވެރިކަންކުރާ، ވަކިވަކިން ނުވަތަ ޕޯލް އެންޑް ލައިން ބޭނުންކޮށްގެން މަސްބޭނުމުގައި ދުނިޔޭގެ ފެންވަރުގައި މަޝްހޫރު ޤައުމެކެވެ. އަދި ރާއްޖޭގެ މަސްބަންދުކުރާ ފެކްޓްރީއަކީވެސް ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ، ކޮލިޓީ ކޮންޓްރޯލްކުރުމުގައި ލާމަސީލު ތަނެއްކަމުން، މިފެކްޓްރީން ބަންދުކުރާ މަސްދަޅަށް އޮންނަ ޑިމާންޑު އަހަރަކުން އަހަރަކަށް ދިޔައީ މަތިވަމުންނެވެ. އަދި ބޭރު ދުނިޔޭގައި ރާއްޖޭގެ މަސްދަޅުގެ މަޤްބޫލުކަން އިތުރުވެ، ބޭރުގެ ކުންފުނިތަކުންވެސް ރާއްޖޭގައި މަސް ބަންދުކުރުމަށް ދިޔައީ ހުށަހަޅަމުންނެވެ.

މަސްދަޅު ބަންދުކުރާ މިންވަރު އިތުރުވުން

1988 ވަނަ އަހަރު ދެ ލައްކަ ފަސް ސަތޭކަ ފަންސާސް ހަ ހާހަށްވުރެ ގިނަ މަސްދަޅު ފެލިވަރު ކާރުހާނާއިން ބަންދުކުރިއެވެ. އަދި 1998 ވަނަ އަހަރާއި ދެހާސް ވަނަ އަހަރާ ދެމެދު ކޮންމެ އަހަރަކުވެސް ހަ ލައްކައާއި 4 ލައްކައާ ދެމެދުގެ އަދަކަށް ފެލިވަރު ކާރުހާނާގައި ދިޔައީ މަސް ބަންދުކުރަމުންނެވެ. އަދި 2000 ވަނަ އަހަރާއި ހަމަޔަށްއައިއިރު 7 ލައްކަ ފަންސަވީސް ހާހަށްވުރެ ގިނަ މަސްދަޅު ފެލިވަރު ކާރުހާނާއިން ދިޔައީ ބަންދުކުރަމުންނެވެ. މިދިޔަ 41 އަހަރު ދުވަހުގެ ތެރޭގައި ބައެއް ފަހަރު މަސް ބަންދުކުރުމަށް އޯޑަރު ލިބޭ ގޮތުން، 50 ޓަނުގެ މަސް ބަންދުކުރުމުގެ ކެޕޭސިޓީ ހުރި މިކާރުހާނާއިން ބައެއް ދުވަސްދުވަހު 100 ޓަނުގެ މަސް ބަންދުކޮށްފައިވެއެވެ.

މިހާރު ފެލިވަރު މަސްފެކްޓްރީއިން އުފައްދާ މަހުގެ ބާވަތްތަކަށް ބަލާއިރު، މިކާރުހާނާއިން ރާއްޖޭގެ މާރކެޓަށް ދެ ބާވަތެއްގެ މަހުގެ އުފެއްދުންތައް ބަންދުކޮށް ސަޕްލައިކުރަމުންދެއެވެ. އެއީ ވަކިވަކި ގޭބީސީތަކަށް ހާއްސަ ކުދި މަސްދަޅު އަދި ޕައުޗްގެ އިތުރުން ރެސްޓޯރެންޓް ހޮޓާ އަދި ވިޔަފާރިކުރާ ތަންތަނަށް ހާއްސަ ބޮޑެތި މަސްދަޅު އަދި މަސް ޕައުޗެވެ. ކޮންމެ މަހަކު ރާއްޖޭގައި އެކި ކަންކޮޅުތަކަށް ފޮނުވުމަށް 10 ކޮންޓެއިނަރާއި 12 ކޮންޓެއިނަރާ ދެމެދުގެ އަދަދަކަށް މަސްދަޅު ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރާއްޖެއިން ބޭރަށް އެވްރެޖްކޮށް ކޮންމެ މަހަކު 35 ކޮންޓެއިނަރުގެ މަސް ބަންދުކޮށް އެކްސްޕޯޓުކުރެއެވެ. އެއީ މަދުވެގެން ދުވަލާކު 50 މެޓްރިކް ޓަނުގެ މަހެވެ. އަދި ބޭރަށް އެކްސްޕޯޓްކުރާ މަސް އިނގިރޭސިވިލާތް، ޔޫރަޕް، އޭޝިޔާ އަދި މެދުއިރުމައްޗާއި، އެފްރިކާ ބައްރުގެ ބާޒާރުތަކުގައި ދަނީ ވިއްކަމުންދެއެވެ.

ކުރިމަގަށް ޕްލޭންތަކެއް

ފެލިވަރު މަސްފެކްޓްރީގެ ކެޕޭސިޓީ އިތުރުކުރުމަށް މުހިންމު ޕްލޭންތަކެއް ވަނީ އެކަށައަޅާފައެވެ. 2015 ވަނަ އަހަރުވެސް މިފެކްޓްރީގެ އުފެއްދުންތެރިކަން އިތުރުކުރުމަށް އެކި ފިޔަވައްސަށް ބަހާލައިގެން މަޝްރޫތައް ދަނީ ކުރިޔަށް ގެންދަމުންނެވެ. އަޕްގްރޭޑް ކުރުމުގެ ފުރަތަމަ ފިޔަވައްސަށް 1.8 މިލިއަން ޑޮލަރު ޚަރަދު ވެފައިވާކަމަށް އެކުންފުނިން ބުނެއެވެ. އަދި މުޅި މަސައްކަތަށް ގާތްގަނޑަކަށް 3 މިލިއަން ޑޮލަރު ޚަރަދުވާނެއެވެ. މީގެތެރޭގައި މުވައްޒަފުން ބިނާކުރުމާއި، ފެކްޓްރީގެ އިމާރާތާއި، މެޝިނަރީ އަޕް ގްރޭޑްކުރުމުގެ މަޝްރޫތައްވެސް ހިމެނެއެވެ. އަދި ކުރިޔަށް އޮތް ދެތިން އަހަރެއްހާ ދުވަހުގެ ތެރޭގައި މިމަޝްރޫޢުތައް ނިންމާ ފެލިވަރު މަސްފެކްޓްރީން ދުވާލަކު 65 މެޓްރިކް ޓަނުގެ މަސް ބަންކުރުމަށް ވަނީ އަމާޒު ކަނޑައަޅާފައެވެ. އަދި އޭގެ ފަހުން ކުރިޔަށް އޮތް ފަސް ވަރަކަށް އަހަރުގެ ތެރޭގައި މިކާރުހާނާއިން 85 މެޓްރިކް ޓަނުގެ މަސް ބަންދުކުރާނޭކަމަށް ފެލިވަރުން ބުނެއެވެ.

ހަމަޤައިމުވެސް ފެލިވަރު މަސް ބަންދުކުރާ ކާރުހާނާއަކީ ދިވެހި ރާއްޖޭގެ އިޤްތިޞާދަށް އިންޤިލާބީ ބަދަލެއް ގެނުވި ތަނެކެވެ. މަސް އެކްސްޕޯޓްކޮށްގެން ރާއްޖެއަށް ލިބޭ އާމްދަނީގައި ފެލިވަރު ކާރުހާނާގެ ޚިއްސާ ބޮޑެވެ. ވަޒީފާގެ ފުރުޞަތުތަކާއެކު، އުމްރާނީ ތަރައްޤީގައިވެސް ފެލިވަރުގެ ޚިއްސާ އެބައޮތެވެ. ރާއްޖެއާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ރާއްޖޭގެ ކަނޑުތަކުން ބާނާ މަސް، ބަންދުކޮށްގެން ފޯރުކޮށްދެމުން އަންނަތާ 41 އަހަރުވީއިރު، އަދިވެސް ފެންނަނީ ފެލިވަރު ކާރުހާނާއަށް ކުރިއެރުމާއި ތަރައްޤީ އަންނަމުންދާ މަންޒަރެވެ. ހަމަޤާއިމުވެސް ފެލިވަރު މަސް ކާރުހާނާއަކީ ދިވެހި ކޮންމެ ރައްޔިތެއް އެތަނަކާ މެދު ފަޚުރުވެރިވާނޭ ތަނެއްކަން ޔަޤީނެވެ.