ކުޅިވަރު

ކޯޗިންގ ލައިސެންސް ކާޑް މިއަހަރު ތައާރަފް ކުރަނީ



މިއަހަރުން ފެށިގެން ކޯޗިން ލައިސަންސް ކާޑު ތަޢާރަފް ކުރުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން ބުނެފިއެވެ.

އެފްއޭއެމްގެ ޓެކްނިކަލް ޑިޕާޓަމަންޓް ހެޑް އިހުސާން އަބްދުލް ޢަނީ (ސާންތި) ބުނީ އޭއެފްސީގެ ކޮންވެންޝަންގައި އެފްއޭއެމުން ބައިވެރިވެފައިވާއިރު، ރާއްޖޭގައި ތިބި އޭ ލައިސަންސް ކޯޗުންގެ ފެންވަރު މަތިކުރުމަކީ ދިވެހި ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުމަކަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ.

ރާއްޖޭގައި މިހާރު 21 އޭ ލައިސަންސް ކޯޗުން އެބަތިއްބެވެ.

އިހުސާން އަބްދުލް ޢަނީ ބުނީ މިއަހަރުން ފެށިގެން އެފްއޭއެމުން ރާއްޖޭގައި ތިބި އެކިފެންވަރުގެ ކޯޗުންނަށް ލައިސަންސް ދިނުމުގައި ބަދަލްތަކެއް ގެނެސްފައިވާކަމަށެވެ. ރާއްޖޭގައި ތިބި އޭ ލައިސަންސް ކޯޗުންގެ ލައިސަންސް ކޮންމެ ދެ އަހަރަކުން އެއް އަހަރު އެފްއޭއެމުން އާ ކުރުމަށް ހަމަޖެހިފައިވާކަމަށާއި ކޯޗުންގެ ލައިސަންސް އާކުރުމުގައި ބަލާނެ މިންގަނޑުތަކެއްވެސް މިހާރު އެފްއޭއެމުން ނިންމާފައިވާކަމަށް ސާންތި ބުންޏެވެ.
އޭ ލައިސަންސް ސެޓްފިކެޓް ލިބިފައިވާ ކޯޗުން އެފްއޭއެމުން ލައިސަންސް ކާޑު ހޯދަން ބޭނުންނަމަ ކޮންމެ ދެ އަހަރަކުން އެއް އަހަރު ވަކި އަދަދަކަށް ޕޮއިންޓް ހޯދަންޖެހޭނެ ކަމަށްވެސް ސާންތި ބުންޏެވެ.

ސާންތި ބުނީ ދެ އަހަރަށްފަހު ކޯޗުން ޕޮއިންޓް ހަމަކޮށްފައިވާ ގޮތަށްބަލާ ލައިސަންސް އާކުރުމުގެ ކަންތައްތައް ކުރިއަށް ދާނެކަމަށެވެ. އަދި ޕޮއިންޓް ދޭ ސިސްޓަމުން ފާސް ނުވާ ކޯޗުންގެ ލައިސަންސް އާ ނުކުރާނެކަމަށްވެސް ސާންތި ބުންޏެވެ.

ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކޯޗުންނަށް ތިބެވޭނީ އޭ ލައިސަންސް ކޯޗުންނަށެވެ. އަދި އެސިސްޓަންޓް ކޯޗުންގެ ގޮތުގައި ތިބެވޭނީ ބީ ލައިސަންސް އޮންނަ ކޯޗުންނަށްކަމަށް އެފްއޭއެމުން މައުލޫމާތުދެއެެވެ.