އެސްއޯއީގެ ދަށުން ކުލަބްތަކަށް މިއަހަރުވެސް ފައިސާ ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާކަމަށާއި މިއަންނަ އަހަރުން ފެށިގެން އެފައިސާ ދޭނީ އެފްއޭއެމުންކަމަށް އެއިދާރާއިން ބުނެފިއެވެ. ސަރުކާރުގެ އިސްނެންގެވުމާއި އެކު ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް (އެސްއޯއީ)ގެ ދަށުން ކުލަބްތަކަށް ފައިސާ ދޫކުރަން ފަށާފައިވަނީ 2017ވަނަ އަހަރުއެވެ. މިޕްރޮގްރާމްގެ ދަށުން ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ކޮންމެ ކުލަބަކަށް މިދިޔަ އަހަރު 2 މިލިއަން ރުފިޔާވަނީ ދީފައެވެ. އަދި ޕްރިމިއަރ ލީގުން ޖާގަ ލިބުނު ކޮންމެ ޓީމްއަކަށް އިތުރު 1 މިލިއަން ރުފިޔާވަނީ ދީފައެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ބޭއްވި ބައްދަލުކުރެއްވުމަށް ފަހު އެފްއޭއެމުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިއަހަރުވެސް އެސްއޯއިގެ ފައިސާ ލިބެނޭކަމުގައ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވާފައިވާކަމަށާއި މިއަހަރުގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް ކުލަބްތަކަށް މި ފައިސާ ވީ އެންމެ އަވަހަކަށް ލިބޭނެކަމުގެ ޔަގީންކަން ރައީސުލް ޖުމްހުރިއްޔާ ދެއްވާފައިވާކަމަށެވެ. އަދި މިއަހަރު ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް ފައިސާ ކުލަބްތަކަށް ދިންނަމަވެސް މިއަންނަ އަހަރުން ފެށިގެން ކުލަބްތަކަށް ފައިސާ ދޫކުރާނީ ސީދާ އެފްއޭއެމުންކަމަށް އެފްއޭއެމުން މައުލޫމާތުދިނެވެ. އެފްއޭއެމުން ބުނީ މިދިޔަ ދެ އަހަރު ކުޅުނު މާލޭ ލީގް މިއަހަރު ނުބައްވާތީ މިއަހަރު އެސްއޯއީގެދަށުން ދޫކުރާ ފައިސާއަށް ކޮންމެވެސް ބަދަލްތަކެއް އައުން އެކަށީގެންވާކަމަށެވެ.