ވިޔަފާރި

އުރީދޫ އެކްސްޕީރިއަންސް ސެންޓަރުގެ ޚިދުމަތް ރާއްޖޭގެ ހުރިހާ ރަށަކަށް


އުރީދޫ އެކްސްޕީރިއަންސް ސެންޓަރުތަކުންދޭ ޚިދުމަތްތައް ރާއްޖޭގެ ހުރިހާ ރަށަކުން ލިބޭނޭ އިންތިޒާމް ހަމަޖައްސައިފިއެވެ.

މިކަމާއި ގުޅޭގޮތުން އުރީދޫއިން ބުނީ،އެކުންފުނިން ދެމުންގެންދާ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ޕްލޭނާއި އެޑް-އޯންތަކުގެ އިތުރުން އުރީދޫގެ ބިލަށް ފައިސާ ދެއްކުން ފަދަ މުހިއްމު ޚިދުމަތްތައް މިހާރު އަތޮޅުގެ ރަށްރަށުން ލިބޭނޭކަމަށެވެ.
އުރީދޫއިން ބުނީ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑް ތައާރަފް ކޮށްފައިވާ ރަށްތަކުގައި، ސުޕަނެޓްގެ ޚިދުމަތްތައްވެސް އުރީދޫގެ ޕާޓްނަރ ފިހާރަތަށް މެދުވެރިކޮށް މިހާރު ލިބޭނޭކަމަށެވެ. އަދި ހުރިހާ ފިހާރަތަކުންވެސް އުރީދޫ މޯލްޑިވްސްގެ ޚިދުމަތްތަކާއި ބެހޭ ހުރިހާ މައުލޫމާތު ލިބޭނޭކޭކަމަށެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ އެކުންފުނީގެ ޕާޓްނަރުންގެ ވިއުގަ ހަރުދަނާކޮށް، ކަސްޓަމަރުންނަށް ރަގަނޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ބާރުވެރިކޮށްދޭ ސުމޭކީ ވަސީލަތްތަކާއި ވިޔަފާރީގެ ބައިވެރިން ގުޅުވައިދީފައިވާކަމަށެވެ.

އުރީދޫގެ ސީއީއޯ، ނަޖީބް ޚާން ވިދާޅުވީ، ސުމޭކީ ޚިދުމަތްތައް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި، ކަސްޓަމަރުންނާއި ހަމައަށް ޚިދުމަތްތައް ފޯރުކޮށްދޭ ޑިސްޓްރިބިއުޝަން ސްޓްރެޓެޖީ އިން ފެށިގެންގޮސް، ކަސްޓަމަރުންނާއި ކުރާ މުއާމަލާތްތަކާއި، ކުންފުނީގެ އެތެރޭގެ ތަފާތު ހިންގުންތަކާއި ހަމައަށް ސުމޭކީ އާލާތްތައް މެދުވެރިކޮށް ވަރުގަދަ ކުރަމުން ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބެހިފައިވާ ކަސްޓަމަރުންނަށް އެއް ފެންވަރެއްގައި، ފުރިހަމަ ޚިދުމަތް ފޯރުކޮށްދިނުމަކީ އުރީދޫ އިން ފެށުނީއްސުރެ އަހަމިއްޔަތުކަންދޭ ކަމެށް ކަމަށް އެކުންފުނިން ބުނެއެވެ. 2016 ވަނަ އަހަރު ރާއްޖޭގެ އުތުރުން ދެކުނަށް ސަބްމެރިން ކޭބަލް އެޅުމާއި އެކު، އުރީދޫއިން ވަނީ މުޅި ރާއްޖެއަށް 4ޖީ+ގެ ނެޓްވަރކް ފޯރުކޮށްދީ، ގައުމުގެ ސުމޭކީ ވިއުގަ އެތައް ގުނައަށް ވަރުގަދަ ކޮށްދީފައެވެ.

މިކަން ވެގެން ދިޔައީ، އެންމެހާ ދިވެހިންވެސް ހިމެނޭގޮތަށް، ބައިނަލްއަޤްވާމީ ސުމޭކީ ދުނިޔެއާއި ގުޅުވާލަދިން ކަމަކަށް އެކުންފުނިން ބުނެއެވެ. ހަމައެހެންމެ، އިޤްތިސާދީ އަދި އިޖްތިމާއީ ތަރައްޤީ މަގުފަހިކޮށްދިނުމުގައި ބްރޯޑްބޭންޑުގެ މުހިއްމު ދައުރު ދެނެގަނެ، އުރީދޫ އިން ވަނީ 4ޖީ+ މެދުވެރިކޮށް ބްރޯޑްބޭންޑުގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދީފައި ވާކަމަށް އުރީދޫއިން ބުނެއެވެ. އުރީދޫގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތާއިއެކު، އެކުންފުނިން ވަނީ، 2018 ގެ ނިޔަލަށް ރާއްޖޭގެ %60 އަށް ޚިދުމަތް ފޯރުކޮށްދީފައެވެ.

އުރީދޫގެ ކަސްޓަމަރުންގެ ތަޖުރިބާތައް އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުކުރުމަށްޓަކައި، އެކުންފުނިން ޚިދުމަތްތަކާއި، ޚިދުމަތް ފޯރުކޮށްދޭ ގޮތަށް އީޖާދީ ބަދަލުތައް ގެނެސް ކުރިއެރުވުމަށް އަބަދުވެސް މަސައްކަތް ކުރަމުންދާނޭކަމަށް އެކުންފުނިން ބުނެއެވެ.