ޓޮޓްނަމްގެ އެންޖެރީ ލިސްޓަށް ޑެލެ އަލީ އިތުރުވުމާއެކު ވަގުތީ ހައްލެ ހޯދުމަށް އެޓީމުން ވެސްޓް ހަމްގެ ފޯވާޑް އެންޑީ ކެރޯލް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އިނގިރޭސި މީޑިއާތަކުން ބުނަން ފަށައިފި އެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ފުލަމްގެ މައްޗަށް ދޭއް އެކަކުން ކުރިހޯދި މެޗުގައި އެޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމުގައިވާ ޑެލެ އަލީއަށް ވަނީ އަނިޔާވެފައެވެ. މީގެއިތުރުން ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިއާ އަދި ފޯވާޑް ހެރީ ކޭންއަށްވެސް ވަނީ އަނިޔާވެ ގިނަދުވަސް ތަކަކަށް ކުޅުމާ ދުރަށް ދާން ޖެހިފައެވެ. އަދި ފޯވާޑް ސޮން މިން ހިއު ހުރީ އޭ އެފް ސީ އޭޝިއަން ކަޕަށް ސައުތް ކޮރެއާ ޓީމަށް ދޫކޮށްފައެވެ.
މިހެންވެ ޓީމުގައި އެޓޭކިން ކުޅުންތެރިން މަދުވުމުން ޓޮޓްނަމްއިން ދަނީ އެތައް ފޫބެއްދުމަށް މިމަހުގެ ތެރޭގައި އިތުރު ކުޅުންތެރިއެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން ވެސްޓް ހަމްގެ ފޯވާޑް އެންޑީ ކެރޮލް ހޯދުމަށް ދެ މިލިއަން ޕައުންޑްގެ ފީއެއް ދެއްކުމަށް އެކްލަބް ވަނީ ތައްޔާރުވެފައި ކަމަށް އިނގިރޭސި ނޫހެއް ކަމުގައިވާ ދަ ސަންއިން ވަނީ ބުނެފައެވެ. ވެސްޓް ހަމް އާއެކު ކެރޮލް ހަދާފައިވާ ކޮންޓްރެކްޓުގައި ބާކީ ދެން އޮތީ އެންމެ ހަ މަސް. އެހެންނަމަވެސް ކެރޮލް ކުޑަ އަގެއްގައި ލިބޭނެ ކަމަށް ޓޮޓްނަމްއިން ގަބޫލްކުރެ އެވެ.
ރޭގެ މެޗަށްފަހު ޓޮޓްނަމްގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ ޑެލެ އަލީގެ އަނީޔާއަކީ ބަލާބެލުމަށް ސީރިއަސް އަނިޔާއެއް ކަމުގައެވެ. އެހެންނަމަވެސް އަލީ ނެއްތަން ފޫބެއްދުމަށް ދެން ތިބި ކުޅުންތެރިން މަސައްކަތް ކުރާނެ ކަމަށާއި މިއީ ދެންތިބި ކުޅުންތެރިންނަށް ޓީމަށް އަރަށް ލިބޭނެ ފުރުސަތެއް ކަމުގައެވެ.
ޕޮޗެޓީނޯ ބުނީ މިއަންނަ ބުރާސްފަތި ދުވަހު ޗެލްސީ އާއި ބައްދަލުކުރާ ލީގް ކަޕް ސެމީފައިނަލްގެ ދެވަނަ ލެގްގެ މެޗުގައި އަލީ ފެނުމުގެ ފުރުސަތު ވަރަށް ކުޑަކަމަށެވެ. އެހެންނަމަވެސް އެމެޗަށް ކޮންމެ ކުޅުންތެރިއެއް ބޭނުންކުރިނަމަވެސް ނިކުންނާނީ މޮޅުވާން ކަމަށެވެ.