ކުޅިވަރު

ޔޫރަޕްގެ ކްލަބުތަކުގައި ވިޒިޓް މޯލްޑިވްސް ޖެހިގެން ދިޔުމަކީ އަމާޒެއް - އަލީ ވަހީދު


ޔޫރަޕްގެ ބޮޑެތި ޓީމުތަކުގެ ސްޕޮންސަރޝިޕްގެ ގޮތުގައި ރާއްޖޭގެ ވިޒިޓް މޯލްޑިވްސް ޓައިޓަލް ޖެހިގެން ދިއުމަކީ ޓުއަރިޒަމް މިނިސްޓްރީގެ ވަރަށް ބޮޑު އަމާޒެއްކަމަށް ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ، ޔޫރަޕްގެ ބޮޑު ކްލަބެއް އަހަރަކު އެއް ފަހަރު ރާއްޖެ ގެނައުން އެއީ އަމާޒެއްކަމަށެވެ. ރާއްޖެއަށް ސްޕޯޓް ޓޫރިޒަމް ތައާރަފު ކުރުމުގެ ގޮތުން ޓޫރިޒަމް މިނިސްޓްރީން ދާދި ފަހުން ވަނީ ރިޔާލް މެޑްރިޑަށް ކުޅެފައިވާ ސްޕޭންގެ މަޝްހޫރު ކުޅުންތެރިޔާ ސަލްގާޑޯއާއެކު މަޝްވަރާ ކޮށްފައެވެ.

މި މަޝްވަރާތައް ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށް ގެންގޮސް ރާއްޖެއަށް ސްޕޯޓް ޓޫރިޒަމްގެ ހަރަކާތްތަކެއް ހިންގަން އޮތީ ނިންމާފައެވެ .އަދި އަންނަ ފެބްރުއަރީ މަހު ދުބާއިގާއި އޮންނަ ސާދަ އަހަރުން ދަށުގެ އިންޓަރ ކޮންޓިނެންޓަނަލް މުބާރާތަކަށް މިނިސްޓްރީގެ ފަރާތުން ދިޔުމަށް ހަމަޖެހިފައިވާކަމަށާއި، މި މުބާރާތުގައި ރެއާލް މެޑްރިޑް ފަދަ ޔޫރަޕްގެ މަޝްހޫރު ކްލަބްތައް ބައިވެރިވާނެކަމަށެވެ.

"އަޅުގަނޑުމެން އަންން ފެބްރުއަރީ މަހު ދުބާއީއަށް އެބަދަން ސާދަ އަހަރުން ދަށުގެ އިންޓަރ ކޮންޓިނެންޓަނަލް މުބާރާތަށް. މި މުބާރާތުގައި ރެއާލް މެޑްރިޑްފަދަ ޔޫރަޕުގެ މަޝްހޫރު ކްލަބްތައް ވާދަކުރާނެ. ދަތުރުގެ ޓާގެޓަކީ ރާއްޖެ އިޝްތިހާރު ކުރުމަށްޓަކައި އިތުރު އިވެންޓްސް ގެނައުން އަދި ސްޕޯޓްސް ޓޫރިޒަމް ރާއްޖޭގައި އިތުރުށް ތަރައްގީ ކުރުން" މިނިސްޓަރ އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ސްޕޯޓްސް ޓޫރިޒަމް ތައާރަފް ކުރަން ބަލާނަމަ އެކަމުގައި ހުރި އެންމެ ބޮޑު އެއް ދައްޗަކީ ރާއްޖޭގައި އެކަށީގެންވާ ފެސިލިޓީޒްތައް ނެތުންކަމަށެވެ. އެގޮތުން ދުނިޔޭގެ މަޝްހޫރު ބޮޑެތި ކްލަބްތައް ގެނެސް ޕްރެކްޓިސް ކޮށްލެވޭނެ ގޮތަށް ގިނަ ވަސީލަތްތަކާއެކު ސްޕޯޓްސް އައިލެންޑެއް ތަރައްގީ ކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅޭ ކަމަށެވެ.