ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރެވޭނެ އިސްލާހެއް މަޖިލީހަށް ހުށައަޅަން ނިންމައިފިއެވެ. މި އިސްލާހު މަޖިލީހަށް ހުށައަޅުއްވަނީ ރައްޔިތުން ދާދީ ފަހުން ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެން ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުޙައްމަދުއެވެ.
ޕީ.އެސް.އެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މެންބަރު އަބްދުއްލަތީފް ވިދާޅުވީ އެ އިސްލާޙް މަޖިލީހަށް ހުށައެޅުމަށް ނިންމީ ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަކީ ޤައުމުގައި ވަރަށް ބޮޑު އިއްޒަތަކާއި ޤަދަރެއް ދެވިފައިވާ ބޭފުޅުންނަށް ވެފައި ދައުލަތުގެ އެންމެ އިސްމަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅުން އެއަށްވުރެ ދަށް މަޤާމެއް ފުރުއްވުމަކީ ޤަބޫލުކުރެވޭ އަދި ބަލައިގަނެވޭނެކަމަކަށް ނުވާތީކަމަށެވެ.
ލަތީފް ވިދާޅުވީ ރައީސްކަން ކުރައްވާ ބޭފުޅުންނަށް ދައުލަތުގެ ބަޖެޓުން ޚާއްސަ އިނާޔަތްތަކާއި ރައްކާތެރިކަން ދެއްވާފައިވާކަމަށެވެ. މީގެ އިތުރުން އެބޭފުޅުންނަށް ދައުލަތުގެ އެންމެ ބޮޑެތި ސިއްރުތަކާއި، ޤައުމުގެ ކަންކަމާއި ގުޅޭ މުހިއްމު ނިންމުންތަކެއް ނިންމާފައިވާއިރު، މަޖިލިސް މެންބަރުކަމަށް ކުރިމަތިލަނީ ކޮން މަޤްސަދެއްގައިތޯ ސުވާލުއުފެދޭކަމަށްވެސް އަބްދުއްލަތީފް ވިދާޅުވިއެވެ.
ރައީސްކަން ކުރައްވާފައިވާ ބޭފުޅަކާއި، މަޖިލިސް އިންތިޚާބުގައި ވާދަކުރާ އެހެން ބޭފުޅުންނާއި ތަޖުރިބާގެ ގޮތުން އެއްހަމަ ނުވާއިރު، އެފަދަ އިންތިޚާބެއްގައި ވާދަކޮށް އެއިން ބޭފުޅަކު ނުހޮވުމަކީވެސް އެފަރާތްތަކުގެ އިއްޒަތާއި ޤަދަރަށް އުނިކަން އަންނާނެކަމެއްކަމަށްވެސް އަބްދުއްލަތީފް ވިދާޅުވިއެވެ. ލަތީފް ވިދާޅުވީ މި މައްސަލަ މާދަމާގެ ވަގުތެއްގައި މަޖިލީހަށް ހުށައަޅުއްވާނެކަމަށެވެ.
ކުރީގެ ރައީސުންނަށް މަޖިލީހަށް ވާދަނުކުރެވޭނެ އިސްލާހެއް މަޖިލީހަށް ހުށައަޅާއިރު އަންނަ އޭޕްރިލްމަހު ބާއްވާ އިންތިހާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގެންދަވަނީ އެމްޑީޕީގެ ޕްރައިމެރީއަށް ކެމްޕެއިން ކުރައްވަމުންނެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ މަޖިލީހަށް ވާދަކުރެއްވުމުގެ ވިސްނުންފުޅު ގެންގުޅުއްވާކަން ހާމަކުރައްވާފައެވެ.