ޚަބަރު

ބްރެކްސިޓް ވޯޓު މާދަމާ؛ މޭ އިލްތިމާސްކުރައްވަނީ ޑިމޮކްރަސީއަށް އިޙުތިރާމުކުރެއްވުމަށް


އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމާ ބެހޭގޮތުން 2016 ވަނަ އަހަރު އެ ޤައުމުގައި ނެގި ފެންނަ ނުފެންނަ ވޯޓުގައި މިކަމަށް ތާއީދުކުރި ފަރާތްތަކުގެ ނިންމުމަށް އިހުތިރާމްކުރުމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ތެރީސާ މޭ، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ގޮވާލައްވައިފިއެވެ.

މޭ މިކަމަށް ގޮވާލައްވާފައިވަނީ މިކަމާ ބެހޭގޮތުން އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދުން އެކުލަވާލާފައިވާ އެއްބަސްވުމަށް ވޯޓުލާން އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުން ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.

ހުސްވި ނޮވެމްބަރު މަހު އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދުން ޤާއިމުކުރި އެއްބަސްވުމަކީ އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމާ ބެހޭގޮތުން ދެ ފަރާތުން ސަތާރަ މަސްދުވަހު މަޝްވަރާކުރުމަށްފަހު އެކުލަވާލި އެއްބަސްވުމެކެވެ. އެ އެއްބަސްވުމަށް ވިލާތުގެ އިއްތިހާދުގެ އަނެއް 27 ޤައުމުން ވަނީ ރުހުން ދީފައެވެ.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ތެރީސާ މޭ މީގެ ކުރިން ވިދާޅުވެފައިވަނީ، މިހާރު އެކުލަވާލާފައިވާ ބްރެކްސިޓް އެއްބަސްވުމަކީ މިކަމަށް އެންމެ އެކަށިގެންވާ އެއްބަސްވުން ކަމަށާއި، އެއަށްވުރެ ރަނގަޅު އެއްބަސްވުމެއް ދެން ނުލިބޭނެ ކަމަށެވެ. މޭގެ ސަރުކާރުން މި އެއްބަސްވުމަށް ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ހޯދުމަށް ޑިސެމްބަރު މަހަށް ވޯޓެއް ތާވާލުކުރިއެވެ.

އެހެންނަމަވެސް އެ ފަހަރުގެ ވޯޓު، ޚުދު މޭގެ އިސްނެންގެވުމުގެ މަތިން ފަސްކުރެއްވީ، އެއްބަސްވުމަށް އެކަށީގެންވާ ތާއީދު ނުލިބި އޭނާގެ ސަރުކާރު ރޫޅިދާނެކަމުގެ ނުރައްކާވެސް އޮތުމާއެކުގައި ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން އިއްތިފާޤުވެއެވެ. އެ ފަހަރުގެ ވޯޓު ފަސްކުރުމަށް ފަހު މޭ ވަނީ ވިލާތުގެ އިއްތިހާދުގެ އިސްވެރިންނާ ތަކުރާރުކޮށް ބައްދަލުކުރައްވާ ވާހަކަދައްކަވާފައެވެ. އަދި މި އެއްބަސްވުމުގައި ހިމެނޭ އެކި ކަންކަމާ މެދު ވިލާތުގެ އިއްތިހާދުގެ ފަރާތުން ޤާނޫނީ ޔަޤީންކަން ހޯދުމުގެ މަސައްކަތް މޭ ކުރެއްވިއެވެ.

މި މަހުގެ ފަނަރަ ވަނަ ދުވަހަށް މި އެއްބަސްވުމުގެ ދެވަނަ ވޯޓު ޤާނޫނު ހަދާ މަޖިލީހުގައި އަނެއްކާވެސް ތާވާލްކޮށްފައިވާއިރު، މި ފަހަރުވެސް މި އެއްބަސްވުން ފާސްވާނެކަމުގެ ޔަޤީންކަމެއް ނެތެވެ. މިފަދަ ދަނޑިވަޅެއްގައި، އިދިކޮޅު ލޭބަރ ޕާޓީން މިވަނީ މޭގެ ސަރުކާރަށް ވަރުގަދަ އިންޒާރެއްވެސް ދީފައެވެ.

ލޭބަރ ޕާޓީން ބުނެފައިވަނީ އަންގާރަ ދުވަހުގެ ވޯޓުގައި އިނގިރޭސި ބޮޑުވަޒީރަށް ނާކާމިޔާބީ ލިބިވަޑައިގެންފިނަމަ މޭގެ މައްޗަށް އިތުބާރު ނެތްކަމަށް ބުނާ ވޯޓެއް ނެގުމަށް ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅާނެކަމަށެވެ.