ކުޅިވަރު

ލެވާންތޭއާ ދެކޮޅަށް އެތްލެޓިކޯ މެޑްރިޑުން ދެއްކީ ޓީމްގެ އެންމެ މޮޅު ކުޅުން - ކޯޗް


ސްޕެނިޝް ލަލީގައި ރޭ އެކެއް ސުމަކުން ލެވާންތޭ އަތުން މޮޅުވި މެޗުގައި ފެނިގެންދިޔައީ މިސީޒަންގައި މިހާތަނަށް އެތްލެޓިކޯ މެޑްރިޑް ދެއްކި އެންމެ މޮޅު ކުޅުން ކަމުގައި ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނެފިއެވެ.
މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު އެތްލެޓިކޯ މެޑްރިޑް އޮތީ ލީގު ތާވަލްގެ ދެވަނާގައެވެ. އެއީ އެއްވަނާގައި އޮތް ބާސެލޯނާއަށްވުރެ ފަސް ޕޮއިންޓް ފަހަތުގައެވެ.
މެޗަށްފަހު ކޯޗު ސިމިއޯނީ ބުނީ އޭނާގެ ޓީމުން މިމެޗުގައި ދެއްކި ކުޅުމާމެދު ވަރަށް ހިތްހަމަ ޖެހޭކަމަށާއި ހުރިހާ ކުޅުންތެރިންވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރި ކަމަށެވެ. އަދި ހާއްސަކޮށް އެއް ފެންވަރެއްގައި ގިނަ މެޗުތަކެއް ކުޅެމުންދިޔުމަކީ ލިބޭ އިތުރު ހިތްހަމަޖެހުމެއް ކަމަށްވެސް ސިމިއޯނީ ބުންޏެވެ.
އެތްލެޓިކޯ މެޑްރިޑްގެ ކޯޗު އިތުރަށް ބުނީ ޗެމްޕިއަންސް ލީގުގައި ބޮރޫޝިއާ ޑޯޓްމުންޑް އަތުން މޮޅުވި މެޗާ ރޭ ލެވާންތޭ އަތުން މޮޅުވި މެޗަކީ މުޅި ސީޒަންގައިވެސް އެންމެ މޮޅު ކުޅުން ފެނިގެންދިޔަ ދެ މެޗުކަމަށެވެ. އާއްމުގޮތެއްގައި މެޗު ނިމުމާއެކު ޗޭންޖިންގ ރޫމަށްދާ ސިމިއޯނީ ވަނީ ރޭގެ މެޗަށްފަހު ދަނޑުމައްޗަށް އަރާ ވަކިވަކިން ކޮންމެ ކުޅުންތެރިއަކަށް މަރުހަބާ ކިޔާފައެވެ.