ކުޅިވަރު

ޒުވާން ކުޅުންތެރިންނާއެކު ނިކުމެ ރެއާލް މޮޅުވެއްޖެ


ތަރިން ބެންޗަށްލުމަށްފަހު ޒުވާން ހަތަރު ކުޅުންތެރިން އަރުވައިގެން ކުޅުމުން އައި ފާޑުކިޔުންތަކަށް ރައްދުދީ އެނިންމުން ރެއާލް މެޑްރިޑްގެ ކޯޗު ދިފާއުކޮށްފި އެވެ.

ސްޕެނިޝް ލަލީގާގައި ރޭ ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ބައްދަލުކުރި މެޗު މެޑްރިޑް ކާމިޔާބުކުރީ ދޭއް އެކެއްގެ ނަތީޖާއަކުން ނެވެ. މިމެޗުގައި ރެއާލްގެ ކޯޗު ސޮލާރީ ވަނީ ޒުވާން ހަތަރު ކުޅުންތެރިއަކަށް ފުރަތަމަ އެގާރައިން ޖާގަ ދީފަ އެވެ. އެއީ ކްރިސްޓޯ ޕެރޭޒް، ސޭޖިއޯ ރެގުއިލޮން، ފެޑެރިކޯ ވަލްވަރްދޭ އަދި ވިނީޝަސް ޖޫނިއަރ އެވެ.

މެޗަށްފަހު ސޮލާރީ ބުނީ ޒުވާން ކުޅުންތެރިންނަށް އިތުބާރުކޮށް އެކުޅުންތެރިންނަށް ފުރުސަތު ދޭން ޖެހޭކަމަށެވެ. އެއީ ރިސްކެއް ނަމަވެސް ކުރަން ޖެހޭކަމެށް ކަމަށްވެސް ސޮލާރީ ބުންޏެވެ.

އަދި އިސްކޯ އާއި މާސެލޯ މިމެޗަށް ނުނެގީ ކީއްވެތޯ ސުވާލުކުރުމުން ސޮލާރީ ބުނީ އެއީ ޓެކްޓިކަލް ނިންމުމެއް ކަމަށާއި އެކުޅުންތެރިން ނޭރުވީ އެއްވެސް ކަހަލަ ޒާތީ ކަމެއް އޮވެގެން ނޫން ކަމަށެވެ.

މިމެޗުގައި މެޑްރިޑްގެ ފުރަތަމަ ލަނޑު ޖަހާ ލީޑް ނަގައިދިނީ ނިމިގެންދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާ ލޫކަ މޮޑްރިޗް އެވެ.
ދެވަނަ ހާފްގައި ބެޓިސްއަށް ލަނޑު ޖަހައިދީ މެޗުގެ ނަތީޖާ ހަމަ ހަމަކޮށްދިނީ ކުރީގެ މެޑްރިޑް ކުޅުންތެރިއާ ސާޖިއޯ ކަނަލޭސް އެވެ. އަދި މެޑްރިޑް މެޗުން މޮޅުކޮށްދިން ލަނޑު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ޖަހައިދިނީ ރެއާލް ބެޓިސްގެ ކުރީގެ ކުޅުންތެރިއާ ޑެނީ ސެބާޔޯސް އެވެ.