ޚަބަރު

އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ފުވައްމުލަކު ސިޓީ ގައި ޙަރަކާތްތަކެއް


ދިވެހިރާއްޖޭގެ ޤައުމީ އެއްބައިވަންތަކަމުގެ ދުވަސް ފާހަނގަ ކުރުމުގެ ގޮތުން ފުވައްމުލަކު ސިޓީގައި އަތުގުޅާލުމުގެ ހަރަކާތެއް ބާއްވައިފިއެވެ.

ފުވައްމުލަކު ސިޓީ ކައުންސިލާއި ފުވައްމުލަކު ޕޮލިސް ސްޓޭޝަން ގުޅިގެން ބޭއްވި މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 4:15 ގައި ފުވައްމުލަކު މައިލޯ ސްޓޭޑިއަމްގައެވެ.

ފުވައްމުލަކު ޕޮލިސްޓޭޝަންއިން ބުނީ މިޙަރަކާތުގެ މައިގަނޑު މަޤްސަދަކީ ފުވައްމުލަކުގެ މުއައްސަސާތަކުގެ ގުޅުން އިތުރަށް ބަދަހިކޮށް މުއައްސަސާތަކުގައި ހުރި މައްސަލަތަށް ދެނެގަތުމަށް ތަހުގީގު ކުރުމާއި ސުނާމީ ކަހަލަ ހާދިސާތަކުން ރައްކާތެރިވެތިބުމަށް ދުރާލާ ތައްޔާރުވެ ތިބުން ކަމަށެވެ.

މި ޙަރަކާތުގައި ވާހަކަދައްކަވަމުން ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރ ވިދާޅުވީ ގުދުރަތީ ހާދިސާތައް ހުއްޓުވުމަށް އިންސާނުންނަށް މާބޮޑު ކަމެއް ނުކުރެވުނު ނަމަވެސް އެފަދަ ހާދިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް މަސައްކަތް ކުރެވިދާނެ ކަމަށެވެ. އަދި ފުވައްމުލަކު ސިޓީ ކައުންސިލުން މިފަދަ ހާދިސާތަކުގައި ހަރާކާތްތެރިވުމަށްޓަކައި އެމަރޖެންސީ އޮޕަރޭޝަން ސެނަޓަރެއް ޤާއިމުކޮށްފައިވާކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.