ކުޅިވަރު

ދޮންފަނު އިންވިޓޭޝަން ކަޕްގެ ޗެމްޕިއަންކަން އޭދަފުށިން ހޯދައިފި


ބ.ދޮންފަނު އިންވިޓޭޝަން ކަޕްގެ ޗެމްޕިއަންކަން އޭދަފުށި ހޯދައިފިއެވެ. މިއަދު ހަވީރު ދޮންފަނު ފުޓްބޯޅަ ދަންޑުގައި ކުޅުނު ފައިނަލް މެޗް އޭދަފުށި ކާމިޔާބުކުރީ ކިހާދޫއާއި ވާދަކޮށް 2 ލަނޑު 0 ލަނޑުންނެވެ.

23 އަހަރުން ދަށަށް ހުޅުވާލައިގެން ބޭއްވި މިމުބާރާތުގެ ފައިނަލް މެޗްގައި އޭދަފުށީގެ ފުރަތަމަ ލަނޑު ޖެހީ މެޗްގެ ފުރަތަމަ މިނެޓުގައިގައި އިބްރާޙިމް ޝަރީފްއެވެ. ދެވަނަ ލަނޑަކީ ކިހާދޫ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ.

މިމުބާރާތުގެ ޗެމްޕިއަން ޓީމްއަށް ތައްޓާ މެޑެލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ސޯޝަލް އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފެވެ.

މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އޭދަފުށީ ޓީމްގެ ހަމްދާން އަބްދުއްސައްތާރެވެ.

އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކީ ކިހާދޫ ޓީމްގެ ހުސެއިން އީމާނެވެ. ފެއަރ ޕްލޭ ޓީމްއަކީ ކުޑަރިކިލު ފުޓްބޯޅަ ޓީމެވެ. ފެއަރ ޕްލޭ ކުޅުންތެރިއަކީ ދޮންފަނު ޓީމްގެ އަލީ ޝާއިން އެވެ. އެންމެ މޮޅު ގޯލްކީޕަރަކަށް ހޮވުނީ ގޮއިދޫ ޓީމްގެ ޝިރުހާން އަލީއެވެ.

މިއީ ދޮންފަނު ޒުވާނުންގެ ރޫހުން މި މުބާރާތް ބޭއްވި ތިންވަނަ ފަހަރެވެ. ފުރަތަމަ އަހަރު ޗެމްޕިއަންކަން ހޯދީ ބ.ކިހާދޫއެވެ. މިދިޔަ އަހަރު ފައިނަލްގައި އޭދަފުށި ބަލިކޮށް ޗެމްޕިއަންކަން ހޯދީ ބ.ގޮއިދޫއެވެ.