މިދިޔަ އޮކްޓޯބަރު މަހު ތުރުކީވިލާތުގެ އިސްތަންބުލްގައި ހުންނަ ސައުދީ ޢަރަބިޔާގެ ކޮންސުލޭޓްގައި ސައުދީގެ ނަންމަޝްހޫރު ނޫސްވެރިޔާ ޖަމާލް ޚާޝޫޤްޖީ މަރާލި މައްސަލައިގެ ފަހަތުގައިވާ ފަރާތްތަކާ ދެކޮޅަށް ޝަރީޢަތް ހިންގުމަށް އެހެން ޤައުމަކަށް އެފަރާތްތައް ސައުދީ ނުފޮނުވާނެކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ވިދާޅުވެއްޖެއެވެ.
ސައުދީ ޚާރިޖީ ވަޒީރު އާދިލް ޢަލް ޖުބައިރު މިހެން ވިދާޅުވެފައިވަނީ ޚާޝޫޤްޖީގެ މައްސަލައިގައި އެ ޤައުމުގެ ސަރުކާރުގެ ކުރީގެ އިސް ދެ އޮފިޝަލުން ހައްޔަރުކުރުމަށް ތުރުކީވިލާތުގެ ޗީފް ޕްރޮސިކިއުޓަރުގެ އޮފީހުން ޢަމުރު ނެރެފައިވާ ދަނޑިވަޅެއްގައެވެ.
ރިޔާޛްގައި ކުރިއަށް ދިޔަ ގަލްފް ކޯޕަރޭޝަން ކައުންސިލްގެ ސަމިޓްގެ ހަވާސާގައި ވާހަކަ ދައްކަވަމުން ޖުބައިރު ވިދާޅުވީ، ސައުދީގެ ރައްޔިތަކާ ދެކޮޅަށް އެހެން ޤައުމަކުން ކުރާ ޝަރުޢީ ތުހުމަތުތަކުގައި ހިންގާ ޝަރީޢަތުގައި ބައިވެރިވުމަށް ސައުދީ ޢަރަބިޔާއިން އެ ޤައުމުގެ ރައްޔިތުން އެހެން ޤައުމުތަކަށް ނުފޮނުވާނެކަމަށެވެ.
ތުރުކީވިލާތުގެ ޕްރޮސިކިއުޓަރުގެ އޮފީހުން ހައްޔަރުކުރުމަށް ޢަމުރު ނެރެފައިވާ ދެ ބޭފުޅުންގެ ތެރޭގައި ސައުދީ ވަލީޢަހުދު މުޙައްމަދު ބިން ސަލްމާންގެ އިސް މުޝީރު ސައުދުލް ޤަހްތާނީ އަދި ސައުދީ ޖާސޫސީ އިދާރާގެ އިސް އޮފިޝަލު ޖެނެރަލް އަހްމަދް ޢަލް އަސީރީ ހިމެނެއެވެ.