ސިޔާސީ

ރައީސް ނަޝީދުގެ ގޮވާލުމަށް ޖޭޕީ އިން އަދި އެއްޗެއް ނުބުނޭ


ޤާނޫނު އަސާސީ ދެމެހެއްޓުމަށްޓަކައި ޖުމްހޫރީ ޕާޓީއާއެކު މަޝްވަރާތަކެއް ކުރަމުންދާކަމަށް ކުރީގެ ރައިސް އަދި އެމްޑީޕީގެ ލީޑަރ މުހައްމަދު ނަޝީދު ވިދާޅުވުމުން އެކަމާއިމެދު ވަކިއެއްޗެއް މިވަގުތުބުނަން ބޭނުންނުވާކަމަށް ޖޭޕީން ބުނެފިއެވެ.ސްރީލަންކާއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނާ ބައްދަލުކުރައްވައި ނަޝީދު ވިދާޅުވީ ސަރުކާރުން ޤާނޫނު އަސާސީއާ ޙިލާފަށް ކަންތައް ކުރަމުންދާތީ އެކަމާ ދެކޮލަށް ތެދުވާން ޖެހިއްޖެކަމަށެވެ. ނަޝިދު ވިދާޅުވީ ޖޭޕީއާއެކު މަޝްވަރާތަކެއް ކުރެވިފައިވާކަމަށެވެ. އަދާލަތުޕާޓީއާއިވެސް މަޝްވަރާކުރައްވާނެކަމަށް ވިދާޅުވިއެވެ.ޖުމްހޫރީ ޕާޓިއާއެކު މަޝްވަރާތަކެއް ކުރައްވަމުންގެންދަވާކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު ޖެޕީން ވަނީ މިކަމާ ގުޅިގެން ވަކި އެއްޗެއްއަދި ހާމަނުކުރާނެކަމަށް ބުނެފައިއެވެ. އެހެންނަމަވެސް ވަރަށްއަވަހަށް އެޕާޓީގެ ބަސް މީޑިއާއާ ހިއްސާކުރާނެކަމަށް ޖޭޕީން ބުނެއެވެ.ނަޝީދުގެ ތުހުމަތުތަކަށް ރައްދު ދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ މިހާރުގެ ސަރުކާރުން ރައްޔިތުންނަށް އަދި ޤާނޫނު އަސާސީއަށް ހިލާފް އެއްވެސް ކަމެއް ނުކުރާނެކަމަށެވެ. މުއާޒް ވިދާޅުވީ ޤާނޫނާ ހިލާފް އަމަލުތައް ކުރައްވާފައިވަނީ ކޮން ބޭފުޅެއްކަމަށާއި، މީހުން ވަގަށް ނެގުމާއި ގެއްލުވާލުން ފަދަ ކަންތައްތައްކުރައްވަފައިވަނީ ކޮން ސަރުކާރެއްގައިކަން ވަރަށް ހާމައަށް އެނގެންއެބައޮތްކަމަށެވެ. އަދި ކުރީގެ އޮޑިޓް ރިޕޯޓްތަކުގައި ފައިސާއަށް ހިޔާނާތްތެރިވެފައިވަނީ ކޮންބައެއްކަންވެސް ވަރަށް ރަނގަޅަށް ފެންނަން އެބައޮތްކަމަށް މުއާޒް ވިދާޅުވިއެވެ.ނަޝީދު ސްރީލަންކާއަށް ވަޑައިގެންނެވީ ސްރީލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހައާއި ބައްދަލުކުރެއްވުމަށްކަމަށް އެމްޑީޕީން ބުނެއެވެ.