ދިވެހިރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވަން ނިންމައިފިއެވެ.
އިނގިރޭސިވިލާތުގެ މި ނިންމުން އިޢުލާންކުރެއްވީ އެޤައުމުގެ ފޮރިން ސެކެޓްރީ ޖެރެމީ ހަންޓް ކުރެއްވި ޓުވީޓެއްގައެވެ.
މިނިންމުން އިޢުލާންކުރައްވާ ޖެރެމީ ހަންޓް ކުރެއްވި ޓުވީޓުގައި ވިދާޅުވީ އިނގިރޭސިވިލާތުގެ އެމްބަސީއެއް ރާއްޖޭގައި ހުޅުވުމަކީ ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާވެ އާ ހަރުފަތަކަށް ދިޔުމަށް އެޅިގެންދާ މުހިއްމު ބިންގަލެއްކަމަށެވެ. ހަމައެއާއެކު، އެއީ ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިން އިތުރުވެގެންދާނެކަމެއް ކަމަށް ވެސް ހަންޓްވަނީ ފާހަގަކުރައްވާފައެވެ.
ދިވެހިރާއްޖޭގައި އިނގިރޭސިވިލާތުގެ އެމްބަސީއެއް ހުޅުވަން ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓްގައި ވިދާޅުވީ އެމްބަސީ މެދުވެރިކޮށް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ތަޢުލީމާއި، ވިޔަފާރިއާއި ފަތުރުވެރިކަން ފަދަ ދާއިރާތަކުން ދެޤައުމަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމަށެވެ.
މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިންމުމުގެ ސަބަބުން އިނގިރޭސިވިލާތުން ރާއްޖެއާއިމެދު ގެންގުޅޭ ގާތްކަން ހާމަވެގެން ގޮސްފައިވާ ކަމަށެވެ. އަދި ދިވެހި ސަރުކާރުން އިނގިރޭސިވިލާތުގެ ސަރުކާރަށް މިކަމުގައި ބޭނުންވާ އެއްބާރުލުން ދޭނެ ކަމަށާ ކުރިއަށް އޮތް ދުވަސްތަކުގައި އެކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.
އިނގިރޭސިވިލާތުން ރާއްޖޭގައި ހުޅުވާ އެންބަސީ ވެގެންދާނީ ޔޫރަޕުގެ ޤައުމަކުން ރާއްޖޭގައި ޤާއިމުކުރާ ފުރަތަމަ އެންބަސީއަށް.
ހަތް ޤައުމަކުން ވަނީ މިހާތަނަށް ރާއްޖޭގައި އެންބަސީ ހުޅުވާފައެވެ.