ކުށް މަދުކުރުމާއި، ކުށްކުރުން ހުއްޓުވުމަށް ފުލުހުން ކުރި މަސައްކަތްތަކަށް ވޭތުވެދިޔަ ފަސް އަހަރާއި އަޅާ ބަލާއިރު ނިމުނު 2014 ވަނަ އަހަރު ބޮޑެތި ކުރިއެރުންތަކާއި ކާމިޔާބީތަކެއް ލިބިފައިވާކަމަށް، ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދު ވިދާޅުވެއްޖެއެވެ. ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ، ގައުމުގައި އަމާންވެއްޓެއް ގާއިމް ކުރުމަށް ފާއިތުވި އަހަރު ފުލުހުން ކުރި މަސައްކަތްތަކާއި، މިއަހަރު ކުރުމަށް ރާވާފައިވާ މުހިންމު ބައެއް ކަންކަން ހިއްސާކުރުމައްޓަކައި އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވެއްގައެވެ. ކޮމިޝަނަރ އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވީ، ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށް ފާއިތުވި 2014 ވަނަ އަހަރުވެސް ރައްޔިތުންނާއި ގުޅިގެން ފުހުންނަށް ގިނަކަންތައްތަކެއް ކުރެވުނުކަމަށެވެ.އެގޮތުން 2014 އިން 2018 އަށް ފުލުހުން އެކުލަވާލި ސްޓްރެޓެޖިކް ޕްލޭނާއެކު، 2014 ވަނަ އަހަރުގެ މަސައްކަތްތައް ގެންދިޔައީ، އިސްކަންދޭ ސްޓްރެޓެޖީތައް ކަނޑައަޅައި ބިޒްނަސް ޕްލޭނެއް އެކުލަވައިގެންކަން ކޮމިޝަނަރ ފާހަގަކުރެއްވިއެވެ.ފާއިތުވި 2014 ވަނައަހަރު 18193 މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާއިރު، މީގެ ތެރޭގައި އެންމެގިނައީ، ވައްކަމުގެ މައްސަލަތައް. ވައްކަމުގެ 5080 މައްސަލަ ހުށަހެޅިފައިވާއިރު، މީއި މީގެ ކުރީގެ ތިން އަހަރަށްވުރެ މަދު އަދަދެއްކަން ފުލުހުން ފާހަގަކުރެއެވެ. މާރާމާރީގެ މައްސަލަތަކުގެ ގޮތުގައި 1062 މައްސަލަ ހުށައެޅުނުއިރު މިމައްސަލަތަށްވެސް ވޭތުވެދިޔަ އަހަރު މަދުކަން ފުލުހުން ފާހަގަކުރެއެވެ.ވޭތުވެދިޔަ އަހަރު މަސްތުވާތަކެތީގެ 3140 މައްސަލަ ހުށަހެޅިފައިވާއިރު، މީގެ ތެރެއިން 1181 މައްސަލައަކީ އަތޮޅު ތެރެއިން ހުށައެޅިފައިވާ މައްސަލަތަކެވެ. 2014 ވަނައަހަރު ފުލުހުން ހިންގި އޮޕަރޭޝަން ތަކުގައި މަގުމަތީ އަގުގެ ތިންސަތޭކަ މިލިޔަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފައިވާކަމަށް ކޮމިޝަނަރ ފާހަގަކުރެއްވިއެވެ. ފުލުހުންނަށް 2013 ވަނަ އަހަރު ހުށަހެޅުނު މައްސަލަ ތަކުގެ ތެރެއިން ނުނިމި ހުރި މައްސަލަތަކާއި، 2014 ވަނއަހަރު ހުށައެޅުނު މައްސަލަތަކާއެކު، ޖުމުލަ ފަންސަވީސް ހާސް ހަތަރުސަތޭކަ ހަތްދިހަ ހަ މައްސަލަ ތަހުގީގުކޮށް ނިންމައި ޕްރްސިކިއުޓަރ ޖެނަރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ.މިދިޔަ އަހަރު އެކި އެކި ކުށްތަކުގެ ތުހުމަތުގައި، 6900 މީހުން ހައްޔަރުކޮށްފައިވާއިރު، މީގެ ތެރޭގައި 18 އަހަރު ނުފުރޭ ކުދިން ނިސްބަތުން ގިނަކަން ފާހަގަކުރައްވައި އެކަމާމެދު ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދުވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.ނިމުނު އަހަރު ފުލުހުނަށް ހުށައެޅި ބަލަމުންދިޔަ މަރުގެ މައްސަލަތަކުގެ ތެރެއިން ގދ. ތިނަދޫގައި ހިންގި މަރުގެ މައްސަލއަކާއި، މާލޭގައި ދީދީ ގޯޅީގެ އިތުރުން މަޖިލިސް އިދާރާ ކައިރީގައި ހިންގި މަރުގެ މައްސަލަތައް އަދި ވަނީ ނުނިމިއެވެ.