ޓުއަރިސްޓް އެރައިވަލް ކައުންޓް ޑައުން ފެސްޓިވަލްގެ ދެވަނަ ޝޯގައި އެމެރިކާގެ ޕޮޕް ލަވަކިއުންތެރިއާ އޭކަން ރޭ ލަވަހުށަހަޅައިދީފައިވާއިރު ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާވަނީ ރޭގެ ޝޯގައި އޭނާގެ ފޭނުންނަށް ހާއްސަ މެސެޖެއްވެސް ދީފައެވެ. ޓުއަރިސްޓް އެރައިވަލަ ކައުންޓް ޑައުން ފެސްޓިވަލްގެ ދެވަނަ ޝޯގައި އޭކަން ހުށަހަޅައިދިން ލަވަތަކަށް ދިވެހިންގެ ބޮޑު ތަރުހީބެއްވަނީ ލިބިގެންގޮސްފައެވެ. އޭކަން ރާއްޖޭގެ ޓުއަރިސްޓް އެރައިވަލް ކައުންޓް ޑައުން ޝޯއަށް އައިސްފައިވަނީ ޓުއަރިޒަމް މިނިސްޓަރ އަހުމަދު އަދީބްގެ ދައުވަތަކަށެވެ. ރޭގެ ޝޯގައި ވާހަކަދައްކަމުން އޭކަންވަނީ ރާއްޖޭގައި އިންވެސްޓްކޮށް ވިޔަފާރިއެއް ފެއްޓުމުގެ ޝައުގުވެރިކަން ހުރިކަން ހާމަކޮށްފައެވެ. އޭކޮން އަކީ ލަވައާއި މިއުޒިކީ ދާއިރާގައި އެންމެ ކުޅަދާނަ އެއް ފަންނާނެވެ. މިދާއިރާގައި ދެވޭ އެންމެ ޝަރަފްވެރި އެވޯޑް ކަމަށްވާ ގްރެމީ ފަސް ފަހަރު ހޯދާފައިވާ އެކޮންގެ ލަވަތައް މިހާރުވެސް ދަނީ ބިލްބޯޑް ޗާޓްތަކުގައި ރަސްކަން ކުރަމުންނެވެ. އޭނާހެ 45 ލަވައެއް މިހާރުވެސް ބިލްބޯޑްގެ ގަދަ 100 ލަވައިގެން ތެރޭގައި ހިމެނޭ އިރު، އެތަކެއް ތަރިންނާއި އެކު ތިންސަތޭކަ ފެނިލުމަކުން އޭނާވަނީ ބެލުންތެރިންނާއި ހަމައަށް އައިސްފައެވެ.ރޭގެ ޝޯގައި ޕާފޯމް ކުރާނެކަމަށް ގިނަބަޔަކު އިންތިޒާރުކުރަމުން ދިޔަ ޕްރިޔަންކާ ޗޯޕްރާ އޭނާ ޝޯގައި ޕާފޯމް ނުކުރާނެކަމަށް ބުނެފައިވަނީ ޝޯ ފެށެން ކުޑަވަގުތުކޮޅަކަށްވެފައިވަނިކޮށެވެ. ނަމަވެސް ޕްރިޔަންކާވަނީ ރާއްޖޭގައި ތިބި އޭނާގެ ފޭނުންނާ ވާހަކަ ދައްކާފައެވެ. ރޭގެ ޝޯގައި ވާހަކަދައްކަމުން ޕްރިޔަންކާ ބުނީ އޭނާ ރާއްޖެއަށް އައީ މިހާރު އޭނާ ކުޅެމުންދާ ފިލްމް ބަޖިރާއޯ މަސްތާނީގެ ޝޫޓިން ކުރިއަށް ދަނިކޮށް ޑައިރެކްޓަރގެ ކައިރިން ހާއްސަ ހުއްދައެއް ނަގައިގެންކަމަށެވެ. އަދި ރާއްޖޭގައި ކޮންސެޓެއް ބާއްވަން ބޭނުންވާކަމަށްވެސް ޕްރިޔަންކާ ބުނިއެވެ. ޓުއަރިސްޓް އެރައިވަލް ކައުންޓް ޑައުން ޝޯގައި ވާހަކަދައްކަމުން ޕްރިޔަންކާ ބުނީ ރާއްޖޭގެ ޓުއަރިޒަމް ވަރަށް ބޮޑު ކާމިޔާބީއެއް ހޯދާފައިވާކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ ފަތުވެރިންތަކެއް މިހާރު ރާއްޖެއަށް އަންނަ އިރު އަވައްޓެރި އިންޑިޔާގެ މީހުންވެސް ޗުއްޓީ ހޭދަކޮށްލަން އެންމެ އެކަށޭނަތަނަކީ ރާއްޖެކަމުގައި ބުނިއެވެ.