ޚަބަރު

އދ. އިން ފާސްކޮށްފައިވާ ޤަރާރުތައް ފުރިހަމައަށް ތަންފީޒު ކުރުމަށް އިޒްރޭލަށް ގޮވާލަން - ރައީސް


އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ ޤަރާރުތަކަށް އެންމެ ފުރިހަމައަށް ތަންފީޒު ކުރުމަށް ރާއްޖެއިން އިޒްރޭލަށް ގޮވާލައިފިއެވެ.

ރާއްޖެއިން މިގޮތަށް ގޮވާލެއްވީ ފަލަސްތީނުގެ ރައްޔިތުންނާއި އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފަލަސްތީނާއި އިޒްރޭލުގެ މައްސަލައަށް ހައްލެއް ލިބެން އޮތީ 1967 ވަނަ އަހަރާއި އެއްގޮތަށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ފަލަސްތީނަކީވެސް މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އިޒްރޭލުގެ ސަރަހައްދީ ރޮނގާއި ޖެހިގެން ދެޤައުމުގެ ގޮތުގައި އޮންނަ އޮތުމަށް އަލުން ރުޖޫޢަ ވެގެން ކަމަށެވެ. އިޒްރޭލާއި ފަލަސްތީނުގައި، އަބަދަށް ދެމެހެއްޓެނިވި ގޮތެއްގައި ސުލްޙަމަސަލަސްކަން ޤާއިމުކޮށް، ހަނގުރާމައާއި ލޭއޮހޮރުވުންތައް ހުއްޓުވޭނީ، ދެ ދައުލަތް މަޝްވަރާކުރުމަށް ފުރުސަތުދީގެން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފަލަސްތީނުގެ އަމަންއަމާންކަމާއި، އިންސާފުގާއިމުކުރުމުގައާއި ސަލާމަތާއި ރައްކާތެރިކަން ހޯދަދިނުމުގައި ދިވެހިރާއްޖޭގެ ރައްޔިތުން ފަލަސްތީނުގެ ރައްޔިތުންނާއި ފަލަސްތީނު ސަރުކާރާއިއެކު ޒަމާނުއްސުރެ ދެމުންދާ އެއްބާރުލުން ފާހަގަކުރެއްވިއެވެ.

އަދި ބައިނަލްއަޤްވާމީ ޤާނޫނީ ނިޒާމު ތެރެއިން ފަލަސްތީނަށް އެއްބާރުލުން ދިނުމަކީ ރާއްޖެއިން ތާއީދުކޮށް ބަލައިގަންނަ ކަމެއްކަން ފާހަގަކުރައްވައި، އެފަދަ ޤާނޫނު ތަކާއި އެއްގޮތްވާ ގޮތުގެ މަތީން ފަލަސްތީނަށް އެއްބާރުލުން ދިނުމަކީ ކޮންމެ ޤައުމަކުންވެސް ކުރަން ޖެހޭނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.