މުސުން ގޯސްވުމުގެ ސަބަބުން އުތުރުގެ ދެ އަތޮޅަކަށް ޔެލޯ އެލަރޓް ނެރެފިއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ޔެލޯ އެލަރޓް ނެރެފައިވަނީ ށ އަތޮޅާއި ބ އަތޮޅާއި ދެމެދުގެ ރަށްތަކަށެވެ. މި އެލަރޓް ނެރެފައިވަނީ މިއަދު މެންދުރު 12:00 އިން ފެށިގެން 15:00އާ ހަމައަށެވެ.
މުސުމާބެހޭ ޤައުމީ އިދާރާއިން ވަނީ، މިއަދާއި މިރޭވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައެވެ.
އެ އިދާރާއިން ބުނީ، ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭކަމަށެވެ. އަދި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭއިރު، މެދުތެރޭގެ އަތޮޅުތަކަށް ގަޑިއަކު 08 މޭލާއި 18 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށްވެސް ލަފާކުރެވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް އެ އިދާރައިން ލަފާކުރެއެވެ.
މީގެ އިތުރުން މެދުތެރޭ އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވިނަމަވެސް، އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށާއި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް ލަފާކުރެވޭކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ.