ޚަބަރު

ކަންދަހާރުގައި ހުންނަ ޗައިނާގެ ކޮންސުލޭޓަށް ދިން ހަމަލާ އދން ކުށްވެރިކޮށްފި


ޕާކިސްތާނުގެ ކަންދަހާރުގައި ހުންނަ ޗައިނާގެ ކޮންސުލޭޓަށް ހުކުރު ދުވަހު ހަނގުރާމަވެރިންގެ ބަޔަކު ދިން ހަމަލާ އދގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުޓޭރޭޝް ކުށްވެރިކުރައްވައިފިއެވެ. ހުކުރު ދުވަހު ހިނގި މި ހާދިސާގައި ފަސް މީހުން މަރުވެފައިވާއިރު މީގެ ތެރޭގައި ހަމަލާދިނުމަށް މަސައްކަތްކުރި ތިން މީހުން ވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނެއެވެ.

މި ހަމަލާގައި ޕާކިސްތާނުގެ ފުލުހުންނަށް ނިސްބަތްވާ ދެ މީހަކު ވަނީ މަރުވެފައެވެ. މި ހަމަލާގައި ޗައިނާގެ ކޮންސުލޭޓްގެ އެއްވެސް މުވައްޒަފަކަށް އެއްވެސް ހާނިކައެއް ވެފައެއް ނުވެއެވެ. މި ހަމަލާ ދީފައިވަނީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާޢަތެއް ކަމަށްވާ ޕާކިސްތާނު ބަލޮޗިސްތާނު ލިބަރޭޝަން އާމީންނެވެ.

އެ ޖަމާޢަތުން ބުނެފައިވަނީ ޗައިނާއިން ޕާކިސްތާނުގެ ޤުދުރަތީ ވަޞީލަތްތައް ނުހައްޤުން ބޭނުންކުރަމުންދާ ދިއުމާ، އެ ޖަމާއަތުން ދެކޮޅު ހަދާކަމަށެވެ. މި ހަމަލާ ކުށްވެރިކުރައްވާ ނެރުއްވި ބަޔާނެއްގައި އދގެ ސެކްރެޓަރީ ޖެނެރަލް އެންތޯނިއޯ ގުޓޭރޭޝް ވަނީ، މި ހަމަލާގައި މަރުވި މީހުންގެ ޢާއިލާތަކާއި ޕާކިސްތާނުގެ ސަރުކާރަށް ތައުޒިއްޔާ ވިދާޅުވެފައެވެ.

އަދި މި ހަމަލާގެ ފަހަތުގައިވާ ފަރާތްތައް ވީ އެންމެ އަވަހަށް އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އދގެ ސެކެޓްރީ ޖެނެރަލް ވިދާޅުވިއެވެ. ހުކުރު ދުވަހުގެ މި ހަމަލާއަކީ ޕާކިސްތާނުގައި ޗައިނާއާ ދެކޮޅަށް ދީފައިވާ އެންމެ ނުރައްކާތެރި ހަމަލާއެވެ. ޗައިނާއިން ދަނީ އެ ޤައުމުން އޭޝިޔާ ސަރަހައްދުގައި ހިންގާ ބިޔަ މަޝްރޫޢުގެ ދަށުން ޕާކިސްތާނުގައި ގިނަ ގުނަ އުމްރާނީ ތަރައްޤީ އާއި އިޤްތިޞާދީ އެކި މަޝްރޫޢުތައް ހިންގަމުންނެވެ.