ޚަބަރު

އައްޑޫސިޓީ ކައުންސިލުން 3 ވަޒީރަކާ ބައްދަލުކުރައްވައިފި


އައްޑޫސިޓީ ކައުންސިލުން ސަރުކާރު 3 ވުޒާރާއެއްގެ ވަޒީރުންނާއި ބައްދަލު ކުރައްވައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބައްދަލުކުރައްވާފައިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލު، ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އަދި ނޭޝަނަލް ޕްލޭނިންގް އެންޑް އިފްރާސްޓްރަކްޗަރ މިނިސްޓަރ މުހައްމަދު އަސްލަމްއާއެވެ.

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލްއާއެކު ބޭއްވި ބައްދަލުވުމުގައި އައްޑޫގެ އިޤްތިޞާދު ހަރުދާނަ ކުރެއްވުމަށް މަޝްވާރާ ކުރެއްވިއެވެ. މިބައްދަލުވުމުގައި ކައުންސިލުން ވަނީ ހަފްތާ ބަނދު މާކެޓެއް ތާޢާރަފުކޮށް، އުފެއްދުންތެރިކަމާއި ކަބޯތަކެތީގެ މަޢުރަޒެއް ސިޓީ ފެންވަރުގައި ހިންގުން ފަދަ ކަންކަން އައްޑޫސިޓީގައި ކުރިއަށް ގެންދިއުމަށް މިނިސްޓަރއަށް ހުށައަޅުއްވާފައެވެ.

މީގެ އިތުރުން ކައުންސިލުން އައްޑޫގެ ވިޔާފާރި ވެރިންނަށް ހުރި ގޮންޖެހުންތައް މިނިސްޓަރާ ހިއްސާކުރެއްވިއެވެ. މީގެ އިތުރުން ވިޔަފާރިތަކަށް ބޭނުންވާ ހުއްދަތައް ހޯދުމުގައި ފަސޭހަ އިންތިޒާމެއް ހަމަޖެއްސުމާއި އައްޑޫގައި ޤަވާއިދާ ޙިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް ވެސް ހައްލެއް ހޯދައިދިނުމަށް ވަނީ އެދިވަޑައިގެންފައެވެ.

ހެލްތު މިނިސްޓަރ އަބްދުﷲ އަމީނާއެކު ބޭއްވި ބައްދަލުވުމުގައި އައްޑޫގައި ތަރައްޤީކުރަމުން އަންނަ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ކައުންސިލުން އޮޅުންފިލުއްވެވިއެވެ. މީގެ އިތުރުން އައްޑޫގެ ހެލްތު ސެންޓަރުތަކުގައި ހުރި ދަތިތަކާއި އެމަޖެންސީ އަދި ޓްރޯމާ ސާރވިސްއާއި ގުޅޭ ގޮތުންނާއި، އާސަންދަ ހޯދުމުގައި ހުންނަ ދަތިތަކުގެ މަޢުލޫމާތު މިނިސްޓަރާ ހިއްސާކުރެއްވިއެވެ.

ނޭޝަނަލް ޕްލޭނިންގ އެންޑް އިފްރާސްޓްރަކްޗަރ މިނިސްޓަރ، މުހައްމަދު އަސްލަމްއާއެކު ބޭއްވި ބައްދަލުވުމުގައި އައްޑޫގެ ޑިވެލޮޕްމަންޓް ޕްލޭނާއި ލޭންޑް ޔޫޒް ޕްލޭނާއި އެއްގޮތަށް މަސައްކަތްތައް ރާވައި، ދުރު ރާސްތާ ޑިވެލޮޕްމަންޓް ޕްލޭނެއް ތައްޔާރުކުރުމުގެ މުހިއްމުކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.