އެންޓި-ޑިފެކްޝަން ޤާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހަށް ބަލައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށައަޅުއްވާފައިވާ މިބިލަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު އިންތިޚާބުވާ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ޕާޓީން ވަކިކުރުމުން މެންބަރުކަން ގެއްލޭގޮތަށް ފާސްކޮށްފައިވާ ޤާނޫނެކެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ބަލައިގަތީ 34 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމާއި ދެކޮޅަށް ވޯޓު ދެއްވީ ދެ މެންބަރެކެވެ.
މި ބިލު މަޖިލީހަށް ބަލައިގަތުމުން ވަނީ ހަތް މެންބަރުންގެ ވަގުތީ ކޮމެޓީއަކަށް ބިލު ދިރާސާ ކުރުމަށް ފޮނުވާފައެވެ. މި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ތިމަރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު މުސްތަފާއާ ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފާއި އޭދަފުށި ދާއިރާގެ މެންބަރު އަޙްމަދު ސަލީމާއި ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު ޢަލީ ޝާހުއެވެ. އަދި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދާއި ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ޙުޞައިން އަދި ކުޅުދުއްފުށީ ޢަބްދުލްޤަފޫރު މޫސާވެސް މި ކޮމެޓީގައި ހިމެނިވަޑައިގަންނަވައެވެ.
މިބިލް މަޖިލީހަށް ހުށައަޅުއްވަމުން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ވިދާޅުވީ، އެންޓި-ޑިފެކްޝަން ޤާނޫނު އުވާލުމަށް ހުށައެޅި މައިގަނޑު މަޤްޞަދަކީ، މެންބަރުކަމުގެ ގޮނޑި ގެއްލުނުކަމަށް ކަނަޑައެޅި މެންބަރުންނަށް މަޖިލީހަސް ވަނުމުގެ ފުރުޞަތު ނުލިބި ގިނަ ދުވަސްތަކެއްވަންދެން އޮތުމަށްފަހު، އެ މެންބަރުންގެ ގޮނޑި ނުގެއްލޭކަމަށް ސުޕްރީމު ކޯޓުން ނިންމާފައިވާތީކަމަށެވެ.
މިއަދުގެ ޖަލްސާގައި މިބިލަށް ތާޢީދުކޮށް ގިނަ މެންބަރުން ވާހަކަދެއްކިއިރު، އެމެންބަރުން ބުނަމުން ދިޔައީ، މިފަދަ ބިލެއް އޮތުން މުހިއްމުކަމަށާއި، ނަމަވެސް މިބިލުގެ ސަބަބުން ރައްޔިތުންގެ އަޑު ރައްޔިތުންގެ ބަހަކާއި ނުލައި، ޕާޓީއެއްގެ ކައުންސިލުން ބަލާ ސުލޫކީ މައްސަލައެއްގެ ސަބަބުން ކެނޑިގެންދާކަމަށެވެ. އެހެން ކަމުން މިބިލު ބާޠިލުކޮށް މިއަށްވުރެ ހަރުދަނާ ގޮތެއްގައި މެންބަރުން ޕާޓީ ބަދަލުކުރުމާ ގުޅޭގޮތުން ބިލެއް ތައްޔާރުކުރެވެން ޖެހޭކަމަށެވެ.
ސްޕްރީމް ކޯޓުން، ގޮނޑި ނުގެއްލޭކަމަށް ހުކުމްކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރުން މި ޖަލްސާގައި ބައިވެރިވެފައިވާއިރު، އެ މެންބަރުން ބުނީ، އެންޓިޑިފެކްޝަން ޤާނޫނުގެ ސަބަބުން އެމެންބަރުނަށް ނުޙައްޤުން ބޮޑެތި އަނިޔާތަކާއި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިޚާބުވާ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ ޕާޓީން ވަކިވެއްޖެނަމަ ނުވަތަ ވަކިކޮށްފިނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގެއްލޭގޮތަށް ޕީޕީއެމުން ހުށަހަޅައި ފާސްކޮށްފައިވާ ޤާނޫނު އުވާލުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ހުށައަޅުއްވާފައިވަނީ މިމަހުގެ 24 ވަނަ ދުވަހުގައެވެ.