ޚަބަރު

ވޯޓު ކަރުދާސް ޗާޕު ކުރުމުގައި ޢަމަލުކޮށްފައިވާ ގޮތާއި މެދު ސުވާލު އުފައްދައިފި


ރިޔާސީ އިންތިޚާބުގައި ބޭނުންކުރި ވޯޓު ކަރުދާސް ޗާޕުކުރުމަށް ބަޔަކާއި ހަވާލުކުރުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައިވާ ގޮތާމެދު ރައީސް ޔާމީންގެ ފަރާތުން ސުވާލުއުފައްދައިފިއެވެ.

ޕީ.ޕީ.އެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށައަޅާފައިވާ ދުސްތޫރީ މައްސަލައިގައި ފާހަގަކޮށްފައިވާ ނުކުތާތައް ހިމެނޭ ލިއުމެއް މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާއިރު، މި ލިޔުމުގައި ވަނީ 23 ސެޕްޓެމްބަރުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށް ބޭނުންކުރި ކަރުދާސްތައް ފަރުމާއި ކުރުމުގައި އާއި ޗާޕް ކުރުމުގެ އިތުރުން، ޗާޕުކުރުމައްފަހު ވޯޓުކަރުދާސްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައިވަނީ ވޯޓު ކަރުދާސްތައް ބޭނުންކޮށްގެން މަކަރާއި ހީލަތް ނުވަތަ އިލެކްޓޯރަލް ފްރޯޑް ހެދުމަށް ވަކިބަޔަކަށް މަގުފަހިކޮށްދިނުމަށް ކަމަށް ބެލެވޭ އެތައް ކަމެއް އިންތިޚާބަށްފަހު ފެންމަތިވެފައިވާ ކަމަށެވެ.

އެގޮތުން ވޯޓު ކަރުދާސްތައް ޗާޕުކުރުމަށް ބަޔަކާއި ހަވާލުކޮށްފައިވަނީ ވޯޓު ކަރުދާސްތަކުގެ ސައްޚަކަމާއި އޮތެންޓިސިޓީއާމެދު ބޮޑެތި ސުވާލުތައް އުފެދޭ ގޮތަށްކަމަށާއި، އެކަމުގެ އެންމެ ބޮޑު އެއް ދަލީލަކީ ވޯޓު ކަރުދާސް ޗާޕުކުރުމަށް ހަވާލުކުރާނެ ބައެއް ކަނޑައެޅުމުގައި އިލެކްޝަންސް ކޮމިޝަނުން އަމަލުކޮށްފައިވާ ގޮތްތަކަމަށް ލީކުވެފައިވާ ލިޔުމުގައި ވަނީ ހިމެނިފައެވެ.

ވޯޓު ކަރުދާސް ޗާޕުކުރުމަށް ބިޑު ހުށައެޅުމަށް ކޮމިޝަނުން ދައުވަތު ދިން ދެ ކުންފުނި ކަމުގައިވާ ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑާއި، އެމް ސެވަން ޕްރައިވެޓް ލިމިޓެޑަށް ބަލާއިރު، ނޮވެލްޓީ އަކީ އެކަމުގެ ޓެކްނޮލޮޖީއާ ތަޖުރިބާހުރި ކުންފުންޏެއްކަން ވެސް މި ލިޔުމުގައި ވަނީ ފާހަގަކޮށްފައެވެ.

ވޯޓު ކަރުދާސް ޗާޕު ކުރަން ދީފައިވާ އެމް ސެވަންގެ ޙިއްޞާދާރުންނާއި ގުޅޭގޮތުންވެސް ވަނީ މުހިއްމު ނުކުތާތަކެއް ފާހަގަކޮށްފައެވެ. އެގޮތުން އިންތިހާބުގައި ވާދަކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ ރަންނިންމޭޓް ފައިސަލް ނަސީމް ނިސްބަތްވާ ޖުމްހޫރީ ޕާޓީގެ ބާނީ ގާސިމް އިބްރާހިމްގެ ދަރިކަނބަލުން ހަދީޖާ ސަނާގެ ޙިއްޞާ އެ ކުންފުނީގައި އޮންނަ ކަން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން އިންތިހާބުގައި ވާދަކުރާ ފަރާތެއްގެ މެޖޯރިޓީ އޮތް ކުންފުންޏަކުން ވޯޓު ކަރުދާސް ޗާޕް ކުރުމަކީ އެ ކަރުދާސް ބޭނުންކޮށްގެން އެ ފަރާތުން ނާޖައިޒު ފައިދާ ނަގައި މަކަރާއި ހީލަތް ހަަދައިގެން އެ ފަރާތުން ބޭނުންވާ ގޮތަށް ނަތީޖާ އަނބުރާލެވޭނެ ކަމެއް ކަމުގެ ޝައްކެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ.