ޚަބަރު

އައު ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ގަލޮޅު ރަސްމީ ދަނޑުގައި


އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ގަލޮޅު ރަސްމީ ފުޅުބޯޅަ ދަނޑުގައި ބޭއްވުމައް ނިންމައިފިއެވެ.

ރައީސް ކަމުގެ ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިކުރުމަށް އެރަސްމިއްޔާތު ޢާއްމުކޮށް ހުޅުވާލައިގެން ބޭއްވުމަށް އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ނިންމަވާފައެވެ. އިންތިޚާބީ ރައީސް ހުވާކުރުމުގެ ރަސްމިޔާތު އިންތިޒާމްކުރުމަށް އެކުލަވާލާފައިވާ "އިނޯގްރޭޝަން ކޮމެޓީ"ގެ މުޤައްރިއު އަދި އެމް.ޑީ.ޕީގެ ޗެއަރޕާސަން ހަސަން ލަތީފް މީޑިއާގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވީ، ރައީސް ކަމުގެ ހުވާކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ވީހާވެސް ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިކުރުމަށް ނިންމާފައިވާއިރު، ޤަލޮޅު ރަސްމީ ދަނޑަކީ ފަސޭހަކަމާއެކު އެކަމުގެ އިންތިޒާމުތައް ހަމަޖެއްސޭގޮތަށް އޮތް ތަނެއްކަމަށެވެ.

ސިޑިބަރިތަކާއި ގޮނޑިބަރިތަކުގެ ގާތްގަނޑަކަށް ދިހަ ހާހެއްހައި މީހުންނަށް އެރަސްމިއްޔާތައް ދަނޑަށް ވަދެވޭނެކަމަށާ، އެއުފަލުގައި ބައިވެރިކުރުމަށް ބޭނުންވާ ކޮންމެ މީހަކަށް އެފުރުސަތު ދެއްވުމަށް މަސައްކަތްކުރަމުންދާކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އިބްރާހީމް މުޙައްމަދު ޞާލިޙް ރައީސް ކަމުގެ ހުވާ ކުރުމުގެ މިރަސްމިއްޔާތަށް ބޭރުގެ ޤައުމުތަކުގެ ވެރިންނާއި، ޚާރިޖީ ވަޒީރުންނާއި، މިޝަންތަކުގެ އިސްފަރާތްތަކާއި، ސަފީރުން ހިމެނޭހެން ރާއްޖެއާއެކު ސިޔާސީ ގުޅުން ޤާއިމްކޮސްފައިވާ 150 ޤައުމަކަށް ދަޢުވަތު ދެއްވާނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މިހާރުވެސް ބޭރުގެ ބައެއް ޤައުތަކުން މިކަމާއި ގުޅޭ މަޢުލޫމާތު އޮޅުން ފިލުވަމުންދާކަމަށާ، އަންނަ ހަފްތާގެތެރޭގައި ބޭރުގެ ހުރިހާ ފަރާތްތަކަށް ދައުވަތު ދިނުމުގެ މަސައްކަތް ފޮރިންގ މިނިސްޓްރީއާ ގުޅިގެން ކުރަމުންދާނެކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގެ މަތީ ފަންތީގެ ބޭފުޅުންނާއި، ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި ކައުންސިލަރުންނަށްވެސް ދައުވަތުދެއްވާނެކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު އިބްރާހީމް މުޙައްމަދު ޞާލިޙް ކާމިޔާބުކުރައްވާފައިވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ވާދަކޮށް ބޮޑު ތަފާތަކުންނެވެ. ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ނުވަދިހަ ހަހާސް ފަންސާސް ދެ ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ސަތޭކަ ތިރީސް ހަތަރުހާސް ހަތްސަތޭކަ ފަސް ވޯޓު ހޯއްދަވާފައެވެ.