ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ސުޕްރީމް ކޯޓުން ހުޅުވާލައިފިއެވެ. ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދާއިރާއަށް، އިދާރީ ގޮތުން ބޭނުންވާ އެންމެހައި އެހީތެރިކަން ފޯރުކޮށްދޭ ފަރާތްކަމުގައިވާ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް މީހަކު ހޮވުމުގައި ތަޢުލީމީ ފެންވަރަށާއި، ތަޖުރިބާއަށާއި، އިސްނެގުމަށާއި، ލީޑަރޝިޕަށާއި، ހިންގުމުގެ ތަޖުރިބާ އާއި ނަތީޖާ ޙާޞިލްކޮށްފައިވާ މިންވަރަށް ރިޢާޔަތް ކުރެވޭނެކަމަށް ސުޕްރީމްކޯޓުން ބުނެއެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ކަމުގެ މަގާމަށް މީހަކު އައްޔަން ކުރާނީ އެކަމައްށް ޚައްސަ އިންޓަވިއު ޕެނަލަކުން ކަމަށާއި، ބަލާނެ ކަންކަމުގެ ތެރޭގައި މަސައްކަތާ ގުޅޭ ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑީގްރީ ޙާޞިލްކޮށްފައިވުމާއި، ސީނިއަރ މެނޭޖްމަންޓުގެ ދާއިރާގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ހިމެނޭކަމަށްވެސް ސްޕްރީމް ކޯޓުގެ އިއުލާންނުގައި ވަނީ ފާހަގަކޮށްފައެވެ.
5 އަހަރު ދުވަހުގެ މުއްދަތަކަށް ޢައްޔަންކުރާ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ އަސާސީ މުސާރައާއި ޢިނާޔަތުގެ ގޮތުގައި ސާޅީސް ހަތްހާސް ރުފިޔާ ކަނޑައަޅާފައިވެއެވެ. ޖުޑީޝަލް އެޑްމިނިސްޓްރޭޓަރގެ ޒިންމާތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ދަށުގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ޢާންމު ކަންކަން އެކޯޓެއްގެ އެންމެ އިސްފަނޑިޔާރެއްގެ މަޝްވަރާގެ މަތިން ރާވައި ހިންގައި ބެލެހެއްޓުމާއި، ފަނޑިޔާރުންނަށް ބޭނުންވާ ތަމްރީނު ދިނުމާބެހޭ ކަންކަން އުއްތަމަފަނޑިޔާރުގެ ލަފާގެމަތިން ރާވައި ހިންގުމުގެ އިތުރުން ފަނޑިޔާރުންގެ ޢިލްމީ ފެންވަރު މަތިކުރުމުގެ ގޮތުންނާއި ފަންނީ ހުނަރު އިތުރުކުރުމުގެ ގޮތުން ބާއްވަންޖެހޭ ބައްދަލުވުންތަކާއި، ސެމިނަރ އަދި ކޮންފަރެންސް އުއްތަމަފަނޑިޔާރުގެ ލަފާގެ މަތިން ބޭއްވުން ހިމެނެއެވެ.
ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ކަމުގެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 14 ވަނަދުވަހުގެ ނިޔަލަށް އެމަގާމަށް އެދި ހުށައެޅުމުގެ އެފުރުސަތު ސްޕްރީމް ކޯޓުން ވަނީ ހުޅުވާލާފައެވެ.