ޚަބަރު

އިންޑޮނޭޝިޔާއަށް އައި ބިންހެލުމާއި ސުނާމީގައި މަރުވި މީހުންގެ ޢަދަދު އިތުރުވަނީ


މިދިޔަ ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު އިންޑޮނޭޝިޔާގެ ސުލަވަސީގެ ކައިރިން ކަނޑުގެ އަނޑިން ބާރުގަދަ ބިންހެލުމަށް ފަހު އައި ވަރުގަދަ ސުނާމީގައި މަރުވި މީހުންގެ އަދަދު އެއްހާސް ތިންސަތޭކައަށްވުރެ އިތުރުވެއްޖެއެވެ.

އިންޑޮނޭޝިޔާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވަނީ މިދިޔަ ހުކުރު ދުވަހު ހިނގި މި ޙާދިސާތަކުގައި އެތައް ބަޔަކު ގެއްލިފައިވާއިރު ގެއްލުނު މީހުން ހޯދުމުގެ މަސައްކަތްތަކުގައި ދިރިތިއްބާ އިތުރު މީހުން ފެންނާނެކަމުގެ އުއްމީދު ވަރަށް ކުޑަވެފައިވާ ކަމަށެވެ.

އިންޑޮނޭޝިޔާގެ ސުލަވަސީގެ ކައިރިން ކަނޑުގެ އަޑިން އައި ބާރުގަދަ ބިންހެލުމަށް ފަހު އުފެދުނު ބިޔަ ސުނާމީ ރާޅުގެ ސަބަބުން ހަލާކުވެ ފަނާވެފައިވާ އެރަށުގެ އަވަށްތަކަށް އިންޑޮނޭޝިޔާގެ ރައީސް ޖޯކޯ ވިޑޯޑޯ ވަނީ ބުދަ ދުވަހުވެސް ޒިޔާރަތް ކުރައްވާފައެވެ. މިއީ މި ޙާދިސާ ހިނގި ފަހުން އެ ގައުމުގެ ރައީސް މި ސަރަހައްދަށް ޒިޔާރަތް ކުރެއްވި ދެވަނަ ފަހަރެވެ.

އެ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވިޑޯޑޯ ވިދާޅުވީ، ވެއްޓިފައިވާ އިމާރާތްތައް ދުރުކުރުމަށް ބޭނުންކުރާނެ ސާމާނު އެ ސަރަހައްދަށް ގެނެސްފައިވާކަމަށާއި ދެން ހުރި އިންތިޒާމީ ކަންކަންވެސް މިހާރު މަޑުމަޑުން ހަމަޖެހިފައިވާކަމަށެވެ. އަދި ހުއްޓުމެއް ނެތި މި ކަންކަން ކުރުމަށް ބޭނުންވާ ތެލުގެ ބައެއް ވެސް އެސަރަހައްދަށް އައިސްފައިވާކަމަށް އިންޑޮނޭޝިޔާގެ ރައީސް ވިދާޅުވިއެވެ.

ގެއްލުން ލިބިފައިވާ ސަރަހައްދަށް ކަރަންޓްގެ ޚިދުމަތްތައް ލިބިގެންދާނީ ކޮންއިރަކުތޯ ކުރި ސުވާލުގެ ޖަވާބުގައި އިންޑޮނޭޝިޔާގެ ރައީސް ވިދާޅުވީ، މިފަދަ ބޮޑު ކާރިޘާއަކަށް ފަހު ޚިދުމަތްތައް އަލުން ރުޖޫޢުކުރުމަކީ ވަކި އުސޫލެއްގެ ދަށުން ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި ސުލަވަސީގެ ގަވަރުނަރަށް، އެރަށުގެ އިޤްތިސާދީ މަރުކަޒުތައް އަލުން ހުޅުވުމަށް ޢަމުރުކުރައްވާފައިވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއާއެކު، މީހުން ސަލާމަތްކޮށް ރައްކާތެރި ހިސާބުތަކަށް ގެންދިއުމުގެ މަސައްކަތްތައް ކުރިއަށްދާ އިރު ވެސް އެސަރަހައްދުގައި އުޅެމުންދާ ފަރާތްތަކަށް ޢާއްމު ދިރިއުޅުމަށް އަނބުރާ ދެވޭނެ ކަމަށާއި މިއާއެކު އާރާސްތުކުރުމުގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށް ވެސް އިންޑޮނޭޝިޔާގެ ރައީސް ވިދާޅުވިއެވެ. މި ހަފުތާގެ އަންގާރަ ދުވަހު ވިޑޯޑޯ ވަނީ މި ޙާދިސާގައި ގެއްލިފައިވާ ހުރިހާ ފަރާތްތަކެއް ހޯދަން ކުރެވެން އޮތް ކަމެއް ކުރަން ޖެހޭނެ ކަމަށެވެ.
ބުދަ ދުވަހު ސުލަވަސީގައި ހުންނަވާ ވިޑޯޑޯ އަނެއްކާ ވެސް ވަނީ މި ވާހަކަ ތަކްރާރު ކުރައްވާފައެވެ. މިގޮތުން، އޭނާ ވިދާޅުވީ، ގެއްލިފައިވާ ހުރިހާ ފަރާތްތަކުގެ ހަށިތައް ފެންނަން ދެން މި މަސައްކަތްތައް ކުރިއަށް ގެންދާނެކަމަށެވެ.

މީހުން ހޯދުމުގެ މަސައްކަތްތައް ކުރަމުންދާ ފަރާތްތަކުން މިހާރު ވަނީ އިމާރާތްތަކުގެ ދަށުން ދިރި ތިއްބާ އިތުރު ބަޔަކު ސަލާމަތް ކުރެވޭނެކަމުގެ އުއްމީދު މުޅިންހެން ދޫކޮށްލާފައެވެ. އެ ފަރާތްތަކުން ބުނެފައިވަނީ މި ޙާިދސާތަކުގައި މަރުވި މީހުންގެ އަދަދު އެއް ހާސް ތިންސަތޭކަ ސާޅިސް ހަތަކަށް އަރާފައިވާ އިރު ގެއްލުން ލިބިފައިވާ ބައެއް އެކަހެރި ސަރަހައްދުތަކުން ލިބޭ މަޢުލޫމާތުގެ ސަބަބުން މިއަދަދު އިތުރުވުމަކީ އެކަށިގެންވާ ކަމެއް ކަމަށް ބެލެވޭކަމަށެވެ.

އިންޑޮނޭޝިޔާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އަންގާރަ ދުވަހު ބުނެފައިވަނީ އެދުވަހުގެ ވަރަށް ލަސްވި ފަހުން މީހުން ސަލާމަތް ކުރާ ފަރާތްތަކުން ވަނީ ގެއްލުން ލިބިފައިވާ އެންމެ ބޮޑު ހަތަރު ޑިސްޓްރިކްޓަށް ވާސިލްވެފައި ކަމަށާ މަރުވި މީހުންގެ އަދަދު އިތުރު ނުވާނެކަމަށް އުއްމީދުކުރަމުންދާ ކަމަށެވެ.