ޚަބަރު

މިޔަންމާގައި ހިންގި ޤަތުލުޢާއްމު ތަޙުޤީޤުކުރަން ޖެހޭ- ޕޮމްޕެއޯ


މިޔަންމާގެ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެގައުމުގެ ސަލާމަތީ ބާރުތަކުން ހިިންގާފައިވާ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް އެކަށީގެންވާ ގޮތެއްގައި ތަޙުޤީޤުކުރުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ މިޔަންމާއަށް ގޮވާލައްވައިފިއެވެ.

އެމެރިކާގެ ޚާރިޖީ ވުޒާރާއިން ބުނެފައިވަނީ ޕޮމްޕިއޯ މިކަމަށް ގޮވާލައްވާފައިވަނީ އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ އދ އާއްމު މަޖިލީހުގެ ޖަލްސާގެ ހަވާސާގައި މިޔަންމާގެ ސަރުކާރުގެ އޮފިޝަލުންނާ ބައްދަލުކުރައްވާކަމަށެެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވެފައިވަނީ މިޔަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ޖަރީމާތައް ހިންގާފައިވާ ސަލާމަތީ ބާރުތަކަށް ނިސްބަވްތާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސް މިފަދަ މީހުން ކޮށްފައިވާ ކުށްތަކަށް ޖަވާބުދާރީ ކުރުވަން ޖެހޭކަމަށެވެ.

ހުސްވި ހަފުތާގައި މިކަމާ ބެހޭ ގޮތުން އެމެރިކާގެ ޚާރިޖީ ވުޒާރާއިން ޢާއްމުކުރި ތަހްޤީޤުގައި ބުނެފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހު ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކަކީ އަނިޔާވެރިކަމުގެ ހައްދެއް ނެތް ގޮތުުގައި ވީހާވެސް ގިނަ ބައެއްގެ ފުރާނާ ދުއްވާލާ އެފަރާތްތައް ބިރު ގެންނެވުމަށް ކުރިއަލާ ރާވައިގެން ހިިންގާފައިވާ ޖަރީމާތަކެއްކަމަށެވެ.

އަދި މި ރޭވުންތަކުގެ ބޭނުމަކީ ވީހާވެސް ގިނަ ބަޔަކު އެސަރަހައްދުން ފައްސާލުން ކަމަށް ވެސް އެމެރިކާގެ މި ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.