ކުޅިވަރު

އަމިއްލަ ފަރާތަކުން ބ. އޭދަފުށީގައި އަޅަމުންދާ ޓާފްދަނޑުގެ މަސައްކަތް މިއަހަރު ފަހުކޮޅަށް ނިމޭނެ


އަމިއްލަ ފަރާތަކުން ބ. އޭދަފުށީގައި މިހާރު އަޅަމުންދާ ޓާފްދަނޑުގެ މަސައްކަތް މިއަހަރު ފަހުކޮޅަށް ނިންމާލެވޭނެކަމަށް އެ މަސައްކަތްކުރާ ފަރާތުންބުނެފިއެވެ.

ދެލައްކަ ފަންސާސް ހަތަރުހާސް އަކަފޫޓްގެ މިޞަރަޙައްދުގައި، ހަދަމުންދާ މިދަނޑުގެ ދިގުމިނަކީ 105 މީޓަރު އަދި ފުޅާމިނަކީ، 68 މީޓަރެވެ. ދަނޑުގައި މިހާރު ކުރިައަށްދަނީ، ވެލިގަނޑު އެއްވަރު ކުރުމުގެ މަސައްކަތެވެ.

އަންނަ ހަފުތާގެ ތެރޭގައި ދަނޑުގައި ވަޅުލަންޖެހޭ ކާނުތައް ވަޅުލުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެފަރާތުން މައުލޫމާތުދެއެވެ. ފިޔަވަހި ތަކަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި ޕްރޮޖެކްޓްގެ ދަށުން، ޓާފް އެޅުމުގެ އިތުރުން ލައިޓް ސިސްޓަމުތައް ވެސް ހަރުކުރުމަށްވަނީ ހަމަޖެހިފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މިދަނޑުގައި އަޅާ ޓާފް އަކީ ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުލަބް އޭސީމިލާން ފަރިތަކުރުން ކުރިއަށްގެންދާ ދަނޑުގައި އަޅާފައިވާ ފެންވަރުގެ ޓާފެކެވެ.

ފީފާގެ ހަމަތަކާ އެއްގޮތައް ހަދާ މިދަނޑުގެ މަސައްކަތް ކުރަމުންދަނީ ހެވީ ފޯސްއިންނެވެ. ދަނޑު ހެދުމަށް ބޭނުންވާ ހުރިހާ ސަމާނެއް މިހާރުވަނީ އޭދަފުއްޓަށް ގެނެސްފައެވެ. ބ.އޭދަފުށީ ޔޫތް ސެންޓަރ ހުރި ސަރަހައްދުގައި އަޅާ މިދަނޑުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހިމަނާފައިވަނީ، ޓާފް ދަނޑުގެ އިތުރުން ބައިނަލްއަޤުވާމީ ފެންވަރުގެ ޓްރެކަކާއި، ކުޅިބަލާނެ ޞަރަޙައްދާ ލައިޓިން ސިސްޓަމެއް ހަރުކުރުމެވެ.

ޤައުމީ ފެންވަރުގެ މޮޅު ކުޅުންތެރިންތަކެއް އުފައްދާފައިވާ، އޭދަފުއްޓަކީ ފުޓްބޯޅައިގެ ތާރީޚެއް އޮތް ރަށެކެވެ. ފުޓްބޯޅައަށް ލޯބިކުރާ ޒުވާނުންގެ އެންމެ ބޮޑު އުންމީދަކީ އޭދަފުށީގައި ރަގަޅު ފެންވަރުގެ ދަނޑެއް އޮތުންކަމަށް އޭދަފުށީ ޒުވާނުން ބުނެއެވެ.