ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތާއީދު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ރަނިން މޭޓް ޑރ.މުޙަމަދު ޝަހީމް ޢަލީ ސައީދު ހައްދުންމައްޗަށް ވަޑައިގަތުމުން ހައްދުންމަތީގެ ގިނައަދަދެއްގެ ރައްޔިތުން ނުކުމެ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.
ހައްދުންމައްޗަށް ޑރ. ޝަހީމް ކުރައްވާ ދަތުރުފުޅުގައި އިސްކަންދަރު ވައިގެ ބަނދަރަށް ފައިބައި ވަޑައިގެންނެވުމުން އެ އަތޮޅުގެ އެކި ރައްތަކުން 1500އަށްވުރެ ގިނަ ރައްޔިތުން ނިކުމެ ޑރ.ޝަހީމަށް މަރުހަބާ ދެންނެވިއިރު އަތުރާލެވިފައިވާ ސަފުތަކުގެ މީހުންނާއި ސަލާމްކުރެއްވުމަށް ޑރ.ޝަހީމް ވަނީ 45 މިނެޓް ވަނީ ހޭދަ ކުރައްވާފައެވެ. އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް ދިޔަ މީހުންގެ ތެރޭގައި ދެ ޖިންސުގެ ޒުވާނުންނާއި މެދު އުމުރުގެ މީހުންނާއި އިސްރައްވެހިންވެސް ހިމެނެވެ.
ހައްދުންމަތީގެ ރަށްތަކުން އަދި އެހާ ގިނަ ޢަދަދެއްގެ ރައްޔިތުން އެމަނިކުފާނުގެ އިސްތިޤުބާލަށް ނިކުންނެވީތީ ޑރ.ޝަހީމް ވަނީ ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާފައެވެ.
ޑރ.ޝަހީމް ލ.އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅާބެހޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެމުން މި ދަތުރުގައި ހަރަކާތްތެރިވާ ކެމްޕެއިން ޓީމުން ބުނީ ޑރ.ޝަހީމްގެ މި ދަތުރުފުޅުގައި ޑޯޓުޑޯގެ ހަރަކާތްތަކާއި ވަކިވަކި ރައްޔިތުންނާއި ބައްދަލު ކުރެއްވުމާއި، ޕީޕީއެމްއިން ބާއްވާ ޖަލްސާތަކުގައި ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށެވެ.
ޑރ.ޝަހީމް ލ.އަތޮޅަށް މި ވަޑައިގެންފައިމިވަނީ ހުވަދު އަތޮޅު ދެކުނު ބުރީ ތިނަދޫގައި ކެމްޕެއިން ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްފަހުއެވެ. އެގޮތުން މިހާތަނަށް އެމަނިކުފާނު ވަޑައިގެންނެވި ހުރިހާ ރަށަކުވެސް ހޫނު މަރުހަބާއެއް ކިޔާފައިވާއިރު، ޑރ.ޝަހީމް ވަޑައިގެންނެވި ރަށްރަށުގެ ރައްޔިތުންގެ ޝުޢޫރުތައް އަޑު އައްސަވާ އެ ރައްޔިތުންނަށް ރައީސް ޔާމީންގެ ފަރާފްޕުޅުން އުފާވެރި ޚަބަރުތަކެއް އެމަނިކުފާނުވަނީ ދެއްވާފައި.