އިންޑިއާ އާއި ޗައިނާއާ ދެމެދު އޮންނަ އަސްކަރީ ގުޅުންތައް ވަރުގަދަކުރުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ. މި ދެ ޤައުމުން މިކަމަށް އެއްބަސްވެފައިވަނީ ޗައިނާގެ ދިފާޢީ ވަޒީރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އިންޑިއާގެ ދިފާޢީ ވަޒީރާ ބައްދަލުކުރައްވާ މަޝްވަރާކުރެއްވުމަށްފަހުގައެވެ.
ޗައިނާގެ ދިފާޢީ ވަޒީރު ވެއި ފެންގްހެއި އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެއި ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރަންދުރަ މޯދީއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމާ ބެހޭގޮތުން ޗައިނާގެ ދިފާޢީ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މި ބައްދަލުކުރެއްވުމުގައި ވެއި ވަނީ، ޗައިނާ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމަކީ އެތައް ޒަމާންތަކެއްވެފައިވާ ހަރުދަނާ ގުޅުމެއްކަމަށް ވިދާޅުވެފައިކަމަށެވެ. އަދި މޯދީ ދާދި ފަހުން ޗައިނާއަށް ކުރެއްވި ދަތުރުގެ ސަބަބުން ދެ ޤައުމުގެ ސަލާމަތީ ގުޅުންތައް ހަރުދަނާވެ، ދެ ޤައުމު ގުޅޭ ސަރަހައްދީ ރޮނގުގައި ސުލްޙަ ޤާއިމުކުރުމަށް ފަސޭހަ ވެގެންދާނެ ކަމަށްވެސް ވޭއި ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުުން އިންޑިއާގެ ބޮޑު ވަޒީރު މޯދީ ވިދާޅުވީ، ދެ ޤައުމުގެ ސިޔާސަތުތަކުގައި ހުންނަ ތަފާތުތަކުގެ ސަބަބުން ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުމަށް ބުރޫ އަރައިގެންނުވާނެކަމަށާއި، ދެ ޤައުމުގެ ދެމެދު އޮންނަ ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންކަން އަބަދުވެސް ސުލްޙަވެރި ކަމާއެކު ދަމަހައްޓަން ޖެހޭކަމަށެވެ.
ވޭއި އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ވަނީ އިންޑިއާގެ ދިފާޢީ ވަޒީރު ނިރްމަލާ ސީތާރާމަންއާ ބުރާސްފަތި ދުވަހު ބައްދަލުކުރައްވާ ގިނަ މަޝްވަރާތަކެއް ކުރައްވާފައެވެ. މި ބައްދަލުކުރެއްވުމާ ބެހޭގޮތުން އިންޑިއާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި މަޝްވަރާތަކުގައި ދެ ޤައުމުގެ ދިފާޢީ ވަޒީރުން ވަނީ ދެ ޤައުމުގެ އަސްކަރިއްޔާގެ ގުޅުންތައް އިތުރުކުރުމަށް އެއްބަސްވެވަޑައިގެންފައިކަމަށެވެ.
މި ގޮތުން، ދެ ޤައުމުގެ އަސްކަރިއްޔާއިން ގުޅިގެން ބައްވާ އަސްކަރީ ތަމްރީނުތައް އިތުރުކޮށް އެހެނިހެން އަސްކަރީ މުޢާމަލާތްތައް އިތުރުކުރުމަށްވެސް ދެ ބޭފުޅުން އެއްބަސްވެވަޑައިގެންނެވިކަމަށް އިންޑިއާ ސަރުކާރުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން، ދެ ޤައުމު ގުޅޭ ސަރަހައްދީ ރޮނގާ ބެހޭގޮތުން ވެސް ދެ ވަޒީރުން މަޝްވަރާކުރެއްވި ކަމަށާއި، އެ ސަރަހައްދުގައި ސުލްޙަ ޤާއިމުކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށްވެސް ދެ ޤައުމުން ވަނީ އެއްބަސްވެފައެވެ.