ޚަބަރު

ޔަހޫދީ ދަޢުލަތުގެ ޤާނޫނާ ދެކޮޅަށް ތެލަވީވްގައި ވަރުގަދަ މުޒާހަރާތަކެއް


އިސްރާއީލަކީ ޔަހޫދީންގެ ދައުލަތްކަމަށް ބުނެ އެގައުމުން ދާދި ފަހުން ފާސްކުރި ޤާނޫނާ ދެކޮޅަށް އިސްރާއީލުގެ ވެރިރަށް ތެލަވީވްގައި ވަރުގަދަ މުޒާހަރާތަކެއް ކޮށްފިއެވެ. އެތައް ހާސް ބަޔަކު މި މުޒާހަރާގައި ބައިވެރިވިއިރު އިސްރާއީލުގެ މި ޤާނޫނުގެ ސަބަބުން އިސްރާއީލަށް ވަނީ ބައިނަލްއަޤުވާމީ ގިނަ ފަރާތްތަކެއްގެ ފާޑުކިއުންތައް އަމާޒުވެފައެވެ.

މި އަހަރުގެ ޖުލައި މަހު އިސްރާއީލުގެ ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި، ޔަހޫދީ ދައުލަތާ ބެހޭ ޤާނޫނަކީ މައިގަނޑު ގޮތެއްގައި ތިން ކަމެއް ފާހަގަކުރާ ޤާނޫނެކެވެ. މި ގޮތުން މި ބިލުގައި ގޮވާލާ ފުރަތަމަކަމަކީ، މި ޤާނޫނުގެ ދަށުން އިސްރާއީލުގެ ދައުލަތުގެ ކަންކަން ކަނޑައަޅުމުގައި އެ ޤައުމުގެ އިޖުތިމާޢީ ވައްޓަފާޅި ކަނޑައެޅުމަކީ ހަމައެކަނި ޔަހޫދިންގެ ހައްޤެއްކަމަށެވެ.

މިކަމުގެ ސަބަބުން އިސްރާއީލުގައި ދިރިއުޅޭ އެހެން ދީންތަކުގެ މީހުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިސްރާއީލުގައި ޔަހޫދިންގެ އިތުރުން މުސްލިމުންނާއި ނަޞާރާ ދީނަށް އުޅޭ އެތައް މިލިއަން ބަޔަކު އުޅެމުންދާއިރު މިފަދަ ފަރާތްތަކުން ބުނެފައިވަނީ މި ޤާނޫނުގެ ސަބަބުން އެ ރައްޔިތުންގެ ހައްޤުތައް ޔަހޫދީންގެ ހައްޤުތަކަށްވުރެ ފަހަތަށް ޖެހިފައިވާކަމަށެވެ.

އިސްރާއީލުގެ މި ޤާނޫނުގެ އދެވަނަ ނުކުތާ ވެސް މިފަދަ ފަރާތްތަކުގެ ކަންބޮޑުވުންތަކަށް ބާރުދޭ.
އެއީ އިސްރާއީލުގެ ރަސްމީބަހަކީ ހިބްރޫ ކަމަށް ކަނޑައެޅުމެވެ. އިސްރާއީލުގެ ޢަރަބި ނަސްލުގެ ރައްޔިތުން ބުނެފައިވަނީ މީއީވެސް އެމީހުންގެ މައްޗަށް ޔަހޫދީ ނަސްލުގެ މީހުން ގަދަވެގަތުމުގެ ނިޔަތުގައި ޤާނޫނުގައި ހިމަނާފައިވާ ނުކުތާއެއްކަމަށެވެ.

މިޤާނޫނާ ދެކޮޅަށް އިސްރާއީލުގެ ވެރިރަށް ތެލަވީވްގައި ހޮނިހިރު ދުވަހު ވަނީ ވަރުގަދަ މުޒާހަރާތަކެއްކޮށްފައެވެ. އެތައް ހާސް ބަޔަކު މި މުޒާހަރާގައި ބައިވެރިވިއިރު އެފަރާތްތަކުން ވަނީ މި ޤާނޫނަކީ ވޭތުވެދިޔަ އަހަރުތަކުގައި ޔަހޫދިންގެ އިތުރުން އިސްރާއީލުގެ އެހެން ނަސްލުގެ މީހުން ދީފައިވާ ޤުރުބާނީތަކާއި، ޤައުމުގެ ހައްޤުގައި ކޮށްފައިވާ ޚިދުމަތްތަކަށް ލިބިގެންދާ ހުތުރު ނަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި އަސްކަރީ ގޮތުންނާ އެހެނިހެން ގޮތްގޮތުން މިފަދަ ފަރާތްތަކުން ކޮށްފައިވާ ޚިދުމަތްތައް ދައުލަތުން ބަލައިނުގަންނަ ކަމަށްވެސް އެއްވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ބުނެފައެވެ.

މި ޤާނޫނުގެ ތިންވަނަ ނުކުތާގައި ބުނެފައިވަނީ އިސްރާއީލުން ޔަހޫދީން ވަޒަންވެރިކުރުމަށް ހިންގާ މަޝްރޫއުތަކަކީ ޤައުމީ ރައުސްމާލުތަކެއް ކަމަށާއި، މިތަންތަން ޤާއިމުކޮށް ކުރިއެރުވުމަށް އިސްރާއީލުގެ ދައުލަތުން ކެނޑިނޭޅި މަސައްކަތް ކުރާނެކަމަށެވެ. މި ޤާނޫނުގައި މި މަޝްރޫޢުތަކަކީ ހުޅަނގު އައްސޭރިގައި ފަލަސްޠީނުގެ ބިންތަކުގައި ހިންގާ މަޝްރޫޢުތައްކަން ފާހަގަކޮށްފައި ނުވިނަމަވެސް އިސްރާއީލުން މިވަގުތު ހިނގާ މަޝްރުޢޫތަކަކީ މި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފަށް ފަލަސްޠީނުގެ ބިމުގައި އިސްރާއީލުން ހިންގާ މި ޖަރީމާތަކަކީ ދައުލަތުގެ ރައުސްމާލެއް ކަމަށް އިސްރާއީލުން ކަނޑައެޅުމަކީ ބައިނަލްއަޤުވާމީ ދުނިޔޭގެ ފާޑުކިއުންތައް އަމާޒުވެފައިވާ ކަމެކެވެ.