4 ވަނަ ހޭންޑްބޯލް މޯލްޑިވްސް ޗެންޕިއަންޝިޕްގެ ފިރިހެންބައިގެ ޗެމްޕިއަންކަން ޔޫތް ސްޕޯރޓްސް ކުލަބް ހޯދައިފިއެވެ.
ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ފައިނަލުން ޖާގަ ހޯދި ޔޫތް ސްޕޯރޓްސް ކުލަބް ޗެންޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި ދިވެހި ސިފައިންގެ ކުލަބާ ވާދަކޮށް 29 ގޯލް 26 ގޯލުން ކުރި ހޯދައިގެންނެވެ. މެޗުގެ ފަހު ފަސް މިނިޓް ވަންދެން ލީޑްގައި އޮވެ ކުޅުނީ ދިވެހި ސިފައިންގެ ކުލަބުންނެވެ. ނަމަވެސް ފަހު ފަސް މިނިޓްގެ ތެރޭގައި ޔޫތުން ވަނީ ނަތީޖާ ބަދަލުކޮށް މެޗު ކާމިޔާބުކޮށްފައެވެ. މެޗްގެ ބޮޑުބައި ސިފައިން ލީޑްގައި އޮވެ ކުޅެމުން ދަނިކޮށް ޔޫތުން ފުރަތަމަ ނަތީޖާ ހަމަހަމަކުރީ 17-17 ނެވެ.
މެޗަށްފަހު ޗެންޕިއަން ޔޫތް ސްޕޯރޓްސް ކުލަބްގެ ކޯޗް އަލީ ސޮފީ ސާމިރު ބުނީ އެންމެ ފަހު ވަގުތު ލީޑް ނެގުނު ނަމަވެސް، އަބަދުވެސް ކުޅުންތެރިންނަށް އިތުބާރު އޮތްކަމަށެވެ. އަދި ޔޫތުން މަސައްކަތް ކުރަމުންދިޔައީ ވަރަށް ކެތްތެރިކަމާއެކުކަމަށެވެ.
ދިވެހި ސިފައިންގެ ކުލަބްގެ ކެޕްޓަން އިބްރާހީމް ހައިޝަމް ބުނީ މެޗުން ބަލިވީ ފަހުވަގުތު ޓީމް މާބޮޑަށް ޕެރެޝަރަށް ވެއްޓުމުގެ ސަބަބުންކަމަށާއި، ކުދިކުދި މިސްޓޭކްތައްވެސް ފަހުވަގުތު މާގިނަވީކަމަށެވެ. އަދި މެޗުގެ ފަހު ކޮޅު ޓީމްގެ ކުޅުންތެރިއަކު މަދުވުމުން އެކަމުގެ އަސަރު ކުރިކަމަށްވެސް ސިފައިންގެ ކެޕްޓަން ހައިޝަމް ބުންޏެވެ.
ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކީ ޔޫތް ސްޕޯރޓްސް ކުލަބްގެ އަބްދުﷲ ޒިޔާޢުއެވެ.
ފިރިހެންބައިގެ އެންމެ މޮޅު ހަތް ކުޅުންތެރިންނަކީ ދިވެހި ސިފައިންގެ ކުލަބްގެ އަހުމަދު ނާސިރު، އަހުމަދު ރަޒުނީ، ޔޫތް ސްޕޯރޓްސް ކުލަބްގެ އަހުމަދު ސާއިފް ނައީމް، ރިފްޝާން ރަޝީދު، އަބްދުﷲ ޒިޔާޢު، މުހައްމަދު ފިރުރާޝް އަދި އަހުމަދު އަނަސްއެވެ.